ކ.ތުލުސްދޫ މަލްޓި ޔޫތު އެސޯސިއޭޝަނުން އެރަށުގައި މިހާރު ކުރިޔަށް ގެންދާ ފުޓްސަލް ފިއެސްޓާގެ ކުއާޓާފައިނަލުގައި މިރޭ ވާދަވެރި ގާފަރު ބަލިކޮށް ދިއްފުށި ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.
ސެމީގެ ޖާގަ ދިއްފުށިން ޔަގީން ކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވެފައި އޮތުމުން ޕެނަލްޓީ ޖަހައިގެން 11-12 އިން ކުރި ހޯދައިގެންނެވެ.
މެޗް ފަށައިގެން ގާފަރުން ރަނގަޅަށް ކުޅެމުން ދަނިކޮށް ދިއްފުށީން ލީޑް ނެގީ ތަޖުރިބާކާރު ކުޅުންތެރިޔާ ރިޒްވާން އަހްމަދު (ރިޒޭ) ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅު ކާމިޔާބު ކުރި ރީތި ލަނޑަކުންނެވެ. އޭގެ ކުރިން ގާފަރުން ފޮނުވާލި ނުރައްކާތެރި ދެހަމަލާއެއްގެ ހުރަހަކަށްވީ މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ދެއްކި ދިއްފުށީގެ ކީޕަރު ނައުޝާދެވެ.
ގާފަރުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ފުރަތަމަ ހާފް ނިމެން 7 މިނެޓަށް ވެފައި ވަނިކޮށް ރާއްޖޭގެ އެންމެ މޮޅެތި ފުޓްސަލް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޝާފިއު (ޝާއްޕެ) ކާމިޔާބު ކުރި ލަނޑަކުންނެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން އިތުރު ލަނޑެއް ޖަހައި ޝާއްޕެ، ގާފަރަށް ލީޑްވެސް ނަގައިދިނެވެ. މިނަތީޖާގައި އޮވެ ދެވަނަ ހާފް ނިމެން 3 މިނެޓަށްވެފައި ވަނިކޮށް ދިއްފުއްޓަށް އެއްވަރު ކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދި ރިޒޭއެވެ.
ޕެނަލްޓީ ޝޫޓްއައުޓުގައި ދިއްފުށިން ނާކާމިޔާބުވީ ފުރަތަމަ ފޮނުވާލި ޕެނަލްޓީ އެކަންޏެވެ. ގާފަރު އަތުން ނާކާމިޔާބުވީ ފުރަތަމަ ފޮނުވާލި ޕެނަލްޓީގެ އިތުރުން 12 ވަނައަށް ފޮނުވާލި ޕެނަލްޓީއެވެ.
ދިއްފުއްޓާއި ގާފަރުގެ ކުރިމަތިލުންތަކަކީ ރާއްޖޭގެ ނިސްބަތުންވެސް މިހާރު އެމެޗަކަށް ސަމާލުކަން ލިބޭ ފޯރިގަދަ ކުރިމަތިލުންތަކެކެވެ. އެންމެފަހުގެ ގޯލްޑަން ފުޓްސަލް ޗެލެންޖް މާލެ އަތޮޅު ފައިނަލުގައި ގާފަރު ބަލިކޮށް ޗެމްޕިއަންކަން ހޯދީވެސް ދިއްފުށިކަން ފާހަގަ ކޮށްލެވެއެވެ.
މިމުބާރާތުގެ ސެމީފައިނަލުން ދިއްފުށީގެ އިތުރުން ދެން ޖާގަ ހޯދާފައި ވަނީ ކަންމަތި އެފްސީ އާއި ބްލެކް އީގަލްސް، އަޕޮކަލިޕްސްއެވެ