މާލެ ސިޓީ ރައްޔިތުންގެ މިއަހަރުގެ 2 ވަނަ ބައްދަލުވުން މިމަހުގެ 31 ވަނަ ދުވަހު ބާއްވަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
އެ ކައުންސިލުން މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 110 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.
ޤާނޫނުގައި ބަޔާންކުރާ އަހަރަކު ބާއްވަންޖެހޭ ދެ ބައްދަލުވުމުގެ ތެރެއިން ދެވަނަ ބައްދަލުވުން ބާއްވާނެ ތާރީޚު ކަނޑައެޅުމާއި ގުޅޭގޮތުން އެ ކައުންސިލުން މަޝްވަރާކޮށްފައިވަނީ އެ ކައުންސިލްގެ 110 ވަނަ ރަސްމީ ޢާއްމު ޖަލްސާގައިއެވެ. އަދި މި ތާރީޚުގައި ޖަލްސާ ބޭއްވުމަށް މިއަދުގެ އެ ޖަލްސާގައި ބައިވެރިވި ކައުންސިލަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
މާލެ ސިޓީ ކައުންސިލުން އިތުރަށް ވިދާޅުވީ ޤާނޫނީ ޢިޖްރާޢަތްތައް ފުރިހަމަ ކުރުމުގެ ގޮތުން ބައްދަލުވުން ބޭއްވުމަށް ނިންމެވި ކަމުގައިވިޔަސް ކައުންސިލް ގެ މަޤްޞަދަކީ ރައްޔިތުންނާއި ކައުންސިލާއި އޮންނަ ގުޅުން ބަދަހި ކުރުމާއި އެކު، މުޅި މާލެ ސިޓީ ތަމްސީލްވާނެހެން މާލޭގެ ކޮންމެ އަވަށަކަށް ނިސްބަތްވާ ރައްޔިތުންނާއި އެކު މި ބައްދަލުވުން ކުރިއަށް ގެންދިއުން ކަމަށެވެ.
މީގެއިތުރުން މިފަހަރުގެ ބައްދަލުވުންވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މީގެ ކުރީގެ ބައްދަލުވުންތަކެކޭ އެއްގޮތަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދާ ރައްޔިތުން ބޭނުންވާ ކަންކަން ޑރ. މުޢިއްޒު އަދި ކައުންސިލަރުންނާއި ހިއްސާ ކުރުމުގެ ފުރުސަތު ހުޅުވާލައިގެންނެވެ.
ލާމަރުކަޒީ ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތީން މީގެ ކުރިންވެސް ރައްޔިތުންގެ ބައްދަލުވުންތައް ސިޓީ ކައުންސިލުން ބާއްވާފައިވާއިރު، އެ ބައްދަލުވުންތައް ވަރަށް ކާމިޔާބު ކަމާއިއެކު ވަނީ ކުރިއަށް ގެންގޮސްފައެވެ