މުއާވިޔަތު ވަނީ މިހާދިސާ ހިގިއިރު ވަރަށް ދުރަށް ވިއްސައިގެން ގޮސް ވެއްޓިވަޑައިގެންފައެވެ. އެމަނިކުފާނުގެ ދެލޯފުޅަށް ފެނިވަޑައެއް ނުގަންނަވައެވެ. އެ މަނިކުފާނުގެ ދެލޯ ފުޅުންވަނީ ލޭފޮދު އޮހޮރި ވަޑައިގެން އެއްކޮށް ދުޅަވެފައެވެ. ޝަބީބާ ކަމަނާ ގެ ހަށިކޮޅުގެ ތެރެއިން އެ ނިކުތް ބާރުގަދަ އަލީގެ ސަބަބުން މުއާވިޔަތުގެ ދެލޯފުޅުން ފެނުން ގެއްލުނީއެވެ. އެކަަމަނާ އަށް ވީނުވީއެއް ވެސް ނޭނގެއެވެ. އެކަމަކު އެކަމަނާ ބޮޑު އަލިގަނޑަކަށް ބަދަލުވެ ވަޑައިގެން ބިމާ ދިމާލަށް މިސްރާބުޖަހައި ވަޑައިގަތެވެ. އެ ހިސާބު މުޅި ޖައްވުގައި ދުންގަނޑެއް އަރައި އެކަމަނާ ގެ މީރު ހުވަނދުުގެ ވަސް ވަނީ ފެތުރިފައެވެ.

ޕަރިސްތާންގެ ކުދިބޮޑު މީސްތަކުންގެ ހަޅޭކުގެ އަޑާއި ރުއިމުގެ އަޑުން މުޅި ޕަރިސްތާންގެ ގަނޑުވަރު ވަނީ އެއްއަޑަކަށް ވެފައެވެ. ގަނޑުވަރުގައި ތިބިވިހާ ބަޔަކަށް ބޮޑު ވެގެންވާ މުސީބާތެއް ޖެހިއްޖެކަން ވަނީ އިހްސާސް ކުރެވިފައެވެ. އަދި ބޮޑު ހަނގުރާމައެއް ކުރައްވަން ޖެހިއްޖެކަމާއި ބިރުން ރޯއަޑުތައް ދިޔައީ ގަދަ ވަމުންނެވެ.

އަލްއަބީރުލްމާލިކް ރަސްގެފާނުގެ އަމުރުފުޅުގެ ދަަެށުން އެކާވީސްހާސް ލަޝްކަރުންގެ ބޮޑު ބިޔަ ޕަރީންގެ ހާދިމުން އެކުލެވޭ ފައުޖެއް ބިންމައްޗަށް ޝަބީބާ ކަމަނާ ހޯއްދެވުމަށް ފޮނުއްވައިފިއެވެ. ޝަބީބާ ކަމަނާ އަލިފާން ބޯޅައެއް ފަދައިން އެދިޔަ ހަލުވި ބާރުމިނުގައި ޖަޒީރާ ރަށެއްގެ ރާޅުޖަހައި ހިސާބަށް މިސްރާބު ޖަހައިވަޑައި ގަތެވެ. އެ ރަށުގެ ބިމަށް ޖަހައިފައިވާ ދިއްލިގެންވާ ލިޔުމެއް ފެންނަން ހުރި ފިލާގަނޑެއް ފެނިވަޑައިގަތެވެ.

ޝަބީބާ ކަމަނާ ގެ ފުރިހަމަ ނަންފުޅާއި އަދި ބޮޑު ފިޔަނގަނޑެއް ކުރަހައި ނުދަންނަ ބަހަކުން ދިއްލިފައިވާ ލިޔުންތަކެއް ހުރި ނިޝާނެއްގެ އަލިގަނޑު ފެންނަން ހުއްޓެވެ. އެ ވިދާކަނި ބުރުވަމުން ބަބުޅަމުން ދިޔަ އަލިގުޅަ އެ ދިމާލަށް މިސްރާބު ޖަހައިފިއެވެ. ޝަބީބާ ކަމަނާ އަށް އެހައިމަތިން އެ ފެނިވަޑައިގެންނެވި ރަމްޒަކީ އެކަމަނާ ހައްޔަރުފުޅު ކުރެއްވެން ތިރިކުރައްވަން ޖެހިވަޑައިގަންނަވާ ނިޝާނުގެ ހެއްކެއް ކަމުގައިވާ ރަމްޒެކެވެ.

މިހިސާބަށް ހުރިހާމަންޒަރު ތަކެއް ހުއްޓުމަކަށް އައިސް ހުވަފެނީ އާލަމް ގެތެރެއިން އަމީރާ ގިނިކަދުލް ޝަބީބާ ޕަރީ ކަމަނާ އާއި ސިއްދީގުއަށް ހޭލެވުނު ކަހަލައެވެ. ޣައިބުގައިވާ އެއްވެސް ކަމެއް އެނގޭނޭ މީހަކު ނުވަތަ އެއްޗެއް ނުހުންނާނެ ކަން ކަށަވަރެވެ. މާތްﷲ ސުބުހާނަހޫވަތަޢާލާ ފިޔަވައި ޢައިބުގައިވާ އެއްވެސް ކަމެއް ދެކެދެނެވޮޑިގެން ވާ އިނގޭނެ ފަރާތެއް ނުހުންނާނެ ކަމީ ޝައްކެއް ނެތް ކަމެކެވެ.

ދެންމެ އެހިނގި ހާދިސާއަކީ މީގެ ކުރީގައި ދުނިޔޭގެ މާޒީގައި ވަޅުލެވިފައިވާ ހަނދާނުން ވެސް ފޮހެވި ފައިވާ ކަންތައްތަކެވެ. ޖަރާކް ޖިންނީގެ ކަޅުބޮޑު ސިހުރު ފޮތުގައި އޭނާ ހަދައިފައިވާ ކަޅު ސިހުރުގެ ބާރުގައި ސިއްދީގު މި ހުރިހައި ނުބައި ވެގެންވާ ބިރުވެރި ކަންތައްތައް ކޮށް އޭނާ ވެސް އެބޭނުން ވެގެން އުޅޭ ކަންތައްތައް އެ ފުރިހަމަ ކުރަަމުން ގެންދަނީއެވެ. އެންމެ ފަހު ކަމަކަށް ޝަބީބާ ކަމަނާ ސިއްދީގު ގެ އަންބަކަށް ހެއްދުމުން އޭނާ އެކުރަން އުޅުނު ހުރިހައި ކަމެއް ހާސިލް ވީއެވެ. މިރޭ ތުއްތުސީދީ ނުވަތަ އަސްލުނަމުން ކިޔާނަމަ ސިއްދީގު އަށް އެތައްހާސް ސުވާލު ތަކެއްގެ ޖަވާބު ޖާދުވީ ހުވަފެނުން ހުރިހައި ކަމެއް މިރޭ ފެނި އެނގުނު ކަހަލައެވެ.

އަދިވެސް މުއާވިޔަތު ހުރީ މަރުނުވެ ދުނިޔޭގައި ކަން ވެސް އެނގި ޝަބީބާ ކަމަނާ އަކީ މުއާވިޔަތުގެ އަނބިކަނބަލުން ކަން ވެސް އެނގުނީއެވެ. ސިއްދީގު ހިތުގައި ގަދަ ނަފްރަތުގެ ހުޅުގަނޑެއް ހަސަދަވެރި ކަމާއިއެކު އުފެދިއްޖެއެވެ. ހަގީގަތުގައި ވެސް ޝަބީބާ ކަމަނާ އެ އިންނެވީ މުއާވިޔަތާއި ކައިވެނިފުޅު ބައްލަވައި ްގެންނެވެ. އޭނާ ގަތުލު ނުކޮށް އެވަނީ ޕަރީފެންގަނޑުން ޕަރީންލައްވައި އެތަނުގެ ޖާދުވީ ފެންބޮއެގެން އޭނާގެ އަޖަލު ހަމަވާން ދެން ޒުވާން ކަންމަތީ ހުންނާނެ ގޮތް ވެސް ހަދައި ގެންނެވެ. ތުއްތުސީދީގެ ހަޔާތުގެ ހުރިހައި ކަމެއް ބަނަވެ މިވަނީ މުސްކުޅި ވެސް ވެފައެވެ. އޭނާ ބޮޑު ކަޅުސިހުރު ނުހެދިނަމަ މީންއެއް ވެސް ކަމެއްގެ ހަގީގަތެއް ނުފެންނާނެއެވެ. ކޮންމެ ހާލެއްގައި ވެސް ދެން މި އަމީރާ ގިނިކަނދުލް ޝަބީބާ ޕަރީ ކަމަނާ އެއް މިނިވަނެއް ނުކުރާ ނަމެވެ. އެ ކަމަނާ އަށް ޖެހިވަޑައިގަންވާނީ ތުއްތުސީދީގެ ބަހަށް ކިޔަމަން ވެގެން ބާކީ އޮތް ތާނގައި އޭނާގެ ހައްޤު ވެރިއަކަށް ވާށެވެ.

ޕަރީފެންގަނޑުގެ ފޮރުއްވި ފައިވާ އަޖައިބު ކުރު ވަނިވި ބޮޑު ސިއްރުގެ ހުރިހައި ކަމެއް ވެސް އެނގުނީއެވެ. ތުއްތުސީދީގެ އާއިލާ ތެރޭގައި އުޅޭ ކަޅު ހިޔަނީގެ ހަގީގަތް ވެސް އެނގުނީއެވެ. ތުއްތުސީދީ މި ވީހައި ދުވަހު ނިދީގައި ދެބަ ދޭތެރޭ ގައި ކަޅު ހިޔައްޏެއް އައިސް ލ.ގަމުގައިވާ ޕަރީފެންގަނޑަށް ގެންދަން ދެއްކި ހުވަފެން ތައް ސާފު ކަންމަތީ އެއްވެސް ހުރަހަ ކާއި ނުލައި މިއެނގުނީއެވެ. މިފެންގަނޑުގެ ފެން ބޮވިއްޖެ ނަމަ ތުއްތުސީދީ ޒުވާން ވާނެއެވެ. އޭނާ ޝަބީބާ ކަމަނާ ހައްޔަރުފުޅު ކުރެއްވުނީ ވެސް މިމަޤްސަދު ހާސިލް ކުރަން ވެގެންނެވެ. އެހެނީ ތުއްތުސީދީއައް އަލުން ދުނިޔެއަށް އުފަންވި ފަދަ ޒުވާން ހަޔާތެއް ލިބޭނެވެ.

މިހާރު އޭނާގެ ހިތަށް އަރަނީ އޭނާގެ އާއިލާގެ ފަރާތުން އަވަލަވައި ފައިވާ ހިޔަނި އެ ބޭނުން ވާ އެއް ކަމަކީ ޝަބީބާ ކަމަނާ ގެ ބައްޕާފުޅު ގެ އަރިހުން ބަދަލު ހިފުމެވެ. ތުއްތުސީދީ އަށް ލ.ގަމަށް ދާން ހިތަށް އަރައި އެކި ހުވަފެން ތައް ފެންނަމުން މި އައީ އެއްވެސް ހާލެއްގައި އިއްތިފާގުން ނެތްކަމެވެ. ކޮންމެ ގޮތެއް ވިޔަސް ޝަބީބާ ކަމަނާ އޭނާގެ އަމިއްލަ މިލްކަކަށް ހަދައި އެ ކަޅު ހިޔަނި ބޭނުން ބަދަލެއް ޕަރިސްތާނުގެ ރަސްގެފާނުގެ ކިބައިން ހިފައި އެދެފަރާތުން ލޭ އޮހޮރުވާ ބޮޑު ހަނގުރާމަ އެއް ކުރިޔަސް ތުއްތުސީދީއަށް ހެެވެ. އަދި މުއާވިޔަތު ދެން ދުވަހަކު ނުފެނުނަސް ތުއްތުސީދީ އަށް އެންމެ ރަނގަޅެވެ.

ތުއްތުސީދީ މިހާރު ހިތައް އަރަމުން ދަނީ އޭނާގެ ދަރިފަސްކޮޅުގައި މިހައި ތަނަށް އަވަލައިގެން އައި ހިޔަނި ތުއްތުސީދީ ގެ ފަރާތުން ބޭނުން ވެގެން އެ އުޅެނީ ކޮންކަމެއް ތޯބަލާށެވެ. އެކަމުގެ ނިންމުން ނިންމާނީ ޚުދް ޖަރާކް ޖިންނިއެވެ. އެ ޖިންނި މިހުރިހައި ރޭވުންތަކެއް އަމިއްލަޔައް ރާވައިގެން ކުށެއްނެތް އިންސާނަކަށް ނުބައި ވަސްވާސް ދީގެން އެމީހާގެ މުޅި ދަރިފަސް ކޮޅު ބޮޑެތި ވޭނާއި ހިތާމަ އުފުލަން ޖައްސުވައި ޖަރާކް ޖިންނީގެ ބިރުވެރި އަވަލުންތަކުން މިއަދާއި ހަމައަށް މި ގެނެވުނު އަވަލައްވައި ގެން ކަންކަމުގެ ސަބަބު ައޮންނާނެއެވެ.

ތުއްތުސީދީ އަށް އެކަޅުހިޔަނީގެ ހަގީގަތެއް އެއްގޮތަކަށް ވެސް ނޭނގެއެވެ. ޤަދީމީ ޒަމާނުއް ސުރެ އޭތި ވަނީ އެ އާއިލާގެ ތެރެއިން އަވައްޓެއްސެއްގެ ގޮތުގައި މި އަދާއި ހަމައަށް ނުބައި ބިރުވެރި ކަންތައްތައް ކުރަމުން އައިސްފައެވެ. އެ ކަޅު ހިޔަނި ބޭނުން ވަނީ ޕަރިސްތާނުގެ ރަސްގެފާނުގެ ކިބައިން ބަދަލު ހިފުން ކަމަށް ވާނަމަ އެ ކަމަކީ ތުއްތުސީދީ އާއި ގުޅުން ހުރި ކަމެއް ނޫނެވެ. އެކަމަކު އެ އާއިލާގެ ލޭ ހިނގާ ބައެއްގެ ތެރޭގައި އެ ޖިންނި އަވަލައިގެން ހުރުމުގެ ބޭނުމަކީ ކޮބައި ބާ!

ތުއްތުސީދީ ކަންކުރަމުން މި އައީ ސިހުރު ފަންޑިތައާއި ހާހޫރައިގެ ކަންތައް ތަކުންނެވެ. މި ނުބައި ޝައިޠާނީ ޢަމަލު ތަކުން ތުއްތުސީދީ އަށް ލިބި ދާނޭ ހިތި ތަޖުރިބާޔާ ނާކާމިޔާބާއި ވޭންހުރި ހިތި ނަތީޖާއަކަށް ކުޑަ ކޮށްވެސް ތުއްތުސީދީ ނުބަލައިއެވެ. އަދި ސިހުރުގެ ނުބައިވެގެން ވި ޢަމަލް ކުރަމުން އައި އިރު ވިސްނާފައެއް ނެތެވެ. މިފަދަ ވަހުމް ތަކެއްގައި ހިޔާލު ތަކެއް ތުއްތުސީދީގެ ހިތަށް އަރުވައި އޭނާގެ ސިކުނޑީގައި ޖަމާ ވަމުންދަނީ އޭނާއަށް މިލޯ ހުޅުވައި ލެވުނީ ހުރިހާ ކަމެއްގެ ހަގީގަތް އިނގުމަށް ކަމަށެވެ.

ތުއްތުސީދީގެ ކުރިމަތީގައިވާ ޝަބީބާ ކަމަނާ ގެ ކިބައިން ކައިވެންޏަށް އެދެމުން އެބަދެއެވެ. އަދި އެކަމަނާ މި ކަމަށް އެއްބަސް ވެލައްވައިފިނަމަ މިހާރު އެހުރި ހައްޔަރުފުޅުން ސަލާމަތް ކޮށްދީ މިނިވަން ކޮށްދޭނެ ކަމަށް ތުއްތުސީދީ ބުނަމުން ގެންދިޔައެވެ. އަަދި އެބުނާ ޕަރީފެންގަނޑަކުން ފެން ގެނެސް ދިނުމަށް ވެސް އެދުނެވެ. މި ހުރިހާ ކަންތައް ތަކަށް ރީތި ޖިންނި އަންހެން ސާހިބާ ކަމަނާ އެއްބަސްވެ ލައްވަނީ ނަމަ ތުއްތުސީދީ ހުރީ ޝަބީބާ ކަމަނާ މިނިވަންފުޅު ކުރައްވަން ތައްޔާރަށެވެ. އެހެންނަމަ ވެސް އެ ކަމަނާ ގެންދެވީ ތުއްތުސީދީގެ މިއެދުމަށް ދެކޮޅު ހައްދަވަމުންނެވެ. ތުއްތުސީދީ އެ މަސަތްކަތްކުރަނީ ޖިންނި އަންހެނަކަށް އިންޒާރުދީ ގަދަކަމުން ކައިވެނި ކުރާށެވެ.

ތުއްތުސީދީއަށް މިހެން މިކަން ކުރެވި ދާނެކަމުގެ ފުރިހަމަ ޔަޤީންކަމެއް ލިބެނީ ކިހިނަކުން ހެއްޔެވެ؟ އިންސާނުންނާ ޖިންނި އަވަލައި އެތަކެތި އިންސާނުން ނަށް ގޯނާކޮށް ހަދާތީ ވޭއެވެ. އެކަމުން ސަލާމަތް ވުމަށްޓަކައި ޖިންނީންގެ ކިބައިން ދުރަށް ދިއުމަށް ކޮންމެ ބަޔަކު ވެސް މަސައްކަތް ކުރެއެވެ. އެހެނަސް ތުއްތުސީދީ މިކަން ކުރާގޮތް މުޅިން ޙިލާފެވެ. އޭނާ އެ އުމުރުގައި އެހެންހުރެ ޖިންނީންގެ އަންހެނަކަށް އެ މަޖުބޫރު ކުރަނީ ކައިވެންޔަށެވެ. މި ކަހަލަ ބޮޑެތި އިންޒާރު ޝަބީބާ ކަމަނާ އަށް ތުއްތުސީދީ ދޭން ހުއްޓައި ކުއްލި އަކަށް އެރަށުތެރެއަށް ބޮޑު ކަޅު ހިޔަންޏެއް އަރައިފިއެވެ.

މުޅި ހިސާބުގަނޑުން ދުވަނީ ބޮލި ކުނި ވާފަދަ ކުނިވަހެކެވެ. ޝަބީބާ އެކަމަނާ ގެ ދެއަތްޕުޅު ނަންގަވައި ނޭފަތްޕުޅު ގައި އަޅައި ނިވާ ކޮށްލިއެވެ. އެ ދުވާ ނުބައި ކުނިވަހެއްގެ ސަބަބުންނެވެ. އެރަށު ތެރެއަށް އެ އަރައިގެން އައި ހިޔަނި އައީ ކަނޑުންނެވެ. މި ހިޔަނި އައި ގޮތަށް އައިސް ތުއްތުސީދީ އާއި ޝަބީބާ ކަމަނާގެ ކުރިފުޅުމައްޗަށް ވާގޮތަށް ހުއްޓިއްޖެއެވެ. އެ ހިޔަނި މީހެއް ސިފަ ވާގޮތަށް ބޮލުން ތިންދަޅު ފަޅައިފައި ހުރި އެއްޗަކަށް ބަދަލު ވެއްޖެއެވެ. އެތީ ގެ ދެލޯވަނީ ރަތް އަނގުރު ކޮޅެއްހެން ދިއްލިފައެވެ. މީ ޖަރާކް ޖިންނީގެ ހިޔަންޏެވެ.

މިރޭ އެ ހިޔަނި އެހެރީ ހަމަރަނގަޅަށް ވެސް ހުރަހަކާއި ނުލައި ތުއްތުސީދީ އަށް ފެންނަ ގޮތަށް ފާޅުކަންމަތީ އައިސްފައެވެ. އެ ހިޔަނި އެރަށަށް އެރި ގޮތާއިމެެދު ތުއްތުސީދީގެ ހިތުގައި ސުވާލު އުފެދުނެވެ. ސަންގުފުއްޓަރު ފަޅުރަށް އެވަނީ ސިހުރުގެ ބާރުން އެއްވެސް ޖިންނިއަކަށް އަދި އިންސިއަކަށް ނޭރޭނެ ގޮތް ހަދައިފައެވެ. އަދި އެރަށް އެއްވެސް އެހެން އެއްޗަކަށް ނުފެންނާނެ ގޮތަށް އެހެރީ ސިހުރު ހަދައިފައެވެ. މިކަޅު ހިޔަނި އެގޮތަށް އެތާނގައި ހުރެފައި ވަރަށް ބާރު އަންހެން ފިރިހެން ކުރަކި އަޑަކުން ތުއްތުސީދީ އާ ދިމާލަށް ބުންޏެވެ

"ސިއްދީގް!! މިހާރުމިއޮތީ ކަލެއާ ޖެހިފަ...،"

މި ހިޔަނި މިހެން ބުނުމުން މި ހިިޔަނި އެބުނަނީ ކޮން ވާހަކަ އެއް ބާވައޭ ތުއްތުސީދީ ހިތަށް އެރިއެވެ.

"ކަލެއާޖެހިފައޭ....،"

އެބުނަނީ ކޮން މާނައެއްގައި ކޮން ކަމަކަށް ބުނައި ބުނުމެއް ކަމެއް ތުއްތުސީދީ އަކަށް ނުވިސްނުނެވެ. ދެން އޭނާ ކުޑައިރުކޮޅިކު، އެ ކަޅު ހިޔަންޏާ ދިމާލަށް ބަލަން ހުރެފައި ގޮސް ޝަބީބާ ކަމަނާ ގެ ކުރިފުޅުމަތީ ބިން މަތީގައި ބާއްވާފައި ވާ ކަޅު ސިހުރުފޮތް ނަގައިފިއެވެ. އެ ވަގުތު އެ ކަމަނާ ވެސް ހުންނެވީ ވަރަށް ބިރުފުޅު ގެންފައެވެ. ޝަބީބާ ކަމަނާ އަށް އެނގޭހާ ވެސް އެއްޗަކީ އެކަމަނާ އެތަނުގައި ހައްޔަރުފުޅު ވެފައި އެ ހުންނަން ޖެހިވަޑައިގެންނެވީ އެ ސިހުރުގެ ފޮތުން ހަދާފައިވާ ހާހޫރައެއްގެ ސަބަބުންކަމެވެ. ކުޑަކޮށް ވެސް އެސިހުރުގެ ބާރު ކެނޑިއްޖެނަމަ މިހާރު އެ ޝަބީބާ ކަމަނާ އުދުއްސަވައި ފިއްލަވައިގެން ދާނެއެވެ. ތުއްތުސީދީ އެ ސިހުރު ފޮތް ނަގައި އެކަޅު ހިޔަންޏާ ދިމާލަށް އެފޮތް ދިއްކޮއް ލާފައި ބުންޏެވެ.

"މިއޮތީ ކަލޭ ތި ބޭނުންވެގެން އުޅޭ އެއްޗަކީ.....،"

ކަލޭ މިއެތިގަނޑު ހިފައިގެން މިތަނުން ރައްކާވޭ.....!"

ތުއްތުސީދީ މިހެން ބުނުމުން އެ ކަޅު ހިޔަނި ބާރުގަދަ އަޑަކުން ހޭން ފެށިއެވެ. އަދި ވަރަށް ރުޅިވެރި ކަމާއެކީގައި ބަރު އަޑަކުން ބުންޏެވެ.

(ނުނިމޭ)