ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ) އާ ގުޅޭގޮތުން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި، އަދި އެ މައްސަލައަށް އެއްވެސް ނުފޫޒެއް ނެތް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އާރްޑީސީއާ ގުޅޭގޮތުން ފުލުހުން ތަހުގީގު ކުރަމުންގެންދާ މައްސަލަ ތަހުގީގު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދިވެހި ފުލުހުންގެ ހިދުމަތުން ގެންދަނީ ކުރަމުން ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ނުކުރުމަށް ރައީސް އަންގެވިކަމަށް ބުނެ އޮންލައިން ނޫހެއްގައި ލިޔެފައިވާ ހަބަރަކީ އެއްވެސް އަސާސެއް ނެތް ދޮގު ހަބަރެއް ކަމަށާއި، މި މައްސަލައިގެ ތަހުގީގަށް ނުފޫޒުފޯރުވުމުގެ ގޮތުން ނުވަތަ ތަހުގީގު ހުއްޓުވުމަށް އެއްވެސް ފަރާތަކުން ތަހުގީގުގައި ވަކި ގޮތަކަށް އަމަލުކުރުމަށް ފުލުހުންނަށް އަންގާފައިނުވާ ކަމަށެވެ.

މީގެއިތުރުން ފުލުހުން ވިދާޅުވީ މައުލޫމާތުގެ ސައްހަކަން ބެލުމަށް މަސައްކަތް ނުކޮށް، ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގާ ތަހުގީގުތަކާމެދު ރައްޔިތުންގެ އިތުބާރު ގެއްލޭގޮތަށް، ހަގީގަތާ ހިލާފު މައުލޫމާތު ފެތުރުމަކީ މި ޚިދުމަތުން ކަންބޮޑުވާކަމެއްއަދި މިފަދަ ދޮގު މައުލޫމާތު ނުފެތުރުމަށް މި ހިދުމަތުން އިލްތިމާސްކުރައްވާފައެވެ.

އަދި މި މައްސަލައިގެ ތަހުގީގާ ގުޅޭ އެއްވެސް މަޢުލޫމާތެއް ތަހުގީގުގައި ބައިވެރިވާ އެއްވެސް ފަރާތަކުން އޮންލައިން ނޫހަކާއި ހިއްސާކޮށްފައި ނުވާނެކަން ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.