ގދ.މަޑަވެއްޔާއި ހޯނޑެއްދޫ ގުޅާލުމުގެ ގޮތުން އެ ދެރަށު ދެމެދުގައި އަޅާ ބުރިޖުގެ މަސައްކަތް މިއަންނަ އަހަރުގެ މާޗްމަހުގައި ނިމޭނެކަަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އާޒިމް އަތޮޅުތަކަށް ކުރައްވަމުންދާ ދަތުރުތަކުގެ ތެރެއިން މި ދެރަށަށް ޒިޔާރަތްކުރައްވައި، އެރަށްރަށުގެ ކައުންސިލްތަކުގެ ކަންބޮޑުވުންތައް އަޑު އައްސަވާފައިވެއެވެ.

މަޑަވެއްޔާއި ހޯނޑެއްދޫ ގުޅާލުމަށް އަޅާ ބްރިޖުގެ މަސައްކަތުގެ ދަށުން މިހާރު ކުރިޔަށްދަނީ ތަނބު ޖެހުމުގެ މަސައްކަތެވެ. މުޅި ޖުމްލަ ސަތާރަ ތަނބު ޖަހާއިރު މިހާރު ޖަހާ ނިމިފައިވަނީ ދެ ތަނބެވެ. މަސައްކަތް ކުރިޔަށް ދާ ގޮތް ބެއްލެވުމަށްފަހު އާޒިމް ވިދާޅުވީ މި މަސައްކަތަކީ ދެ ރަށުގެ ރައްޔިތުންނަށްވެސް ވަރަށް ފައިދާ ކުރާނެ މަސައްކަތެއް ކަމަށެވެ. އަދި ދެ ރަށުގެ ކޯޒްވޭއަކީ ކުރިން ހެދިއިރު ވެލިބެޑުތަކެއް ޖައްސައިގެން ހަދައިފައިވާ ތަނެއްކަމުން، އުދަ އަރައި މިހާރުވެސް ރަށުގެ ދެތަނެއް ގިރާލައިފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ ފުރަތަމަ ވެސް ބެލީ ވެލި ބެޑު ނެގޭނެ ގޮތަކަށް މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމަށެވެ. އަދި އެ މަސައްކަތް ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން އާޒިމް ވިދާޅުވީ ބްރިޖު އުޅެމުން ރަށް ގިރުމާއި އުދަ އެރުމުގެ މައްސަލައަށް ހައްލެއް ލިބިގެން ދާނެ ކަމަށެވެ. އަދި ގިރާ ސަރަހައްދަށް ވެލި އެޅުމުގެ މަސައްކަތްވެސް އެމްޓީސީސީން ކޮށްދޭނެކަމަށްވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.

ހޯނޑެއްދޫ ކައުންސިލްގެ ރައީސް ހުސައިން ވާރިޝް ވިދާޅުވީ ކުރިން އެޅު ކޯޒްވޭގެ ސަބަބުން ވަރަށް ބޮޑަށް އެހިސާބު ގިރާ، ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އަދި އަލަށް މިއަޅާ ކޯޒްވޭއަކީ ބުރިޖު ހަދާ ހިސާބު ކަމުން ދެން އެ ހިސާބުން އުދައެރުމުގެ މަސައްކަތް ހައްލުވެގެން ދާނެކަމަށް އުއްމީދުކުރާ ކަމަށާއި މޫސުން ގޯސްވުމުގެ ސަބަބުން އެ ކޯޒްވޭ މިހާރު ބޭނުން ނުކުރެވޭ ކަމަށްވެސް ވާރިޝް ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން އެ ދެ ރަށުގައި ކުރަން ހަމަޖެހިފައިވާ މަޝްރޫއުތަކަކީ 260 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ކޯޒްވޭގެ 2544 ކިއުބިކް މީޓަރުގެ ސެގްމެންޓް ކޮންކްރީޓް މަސައްކަތް ކުރުމާއި 285 ސްޕަން ޕައިލް ހަރުކުރުން އަދި 4596 އަކަ މީޓަރުގެ ސަރަހައްދުގައި ތާރުއެޅުމެވެ. މީގެއިތުރުން 1378 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވިންގް ހެދުންކޯޒްވޭއަށް ދެވެން އޮންނަ މަގުތަކުގެ 3144 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްބޭސް ހެދުމާއި، ތާރު އެޅުންރެއިލިން އަދި މަގުބައްތި ހަރުކުރުން އަދި މަގުމަތި ނިޝާން ކުރެހުން ހިމެނެއެވެ.