ރައްޔިތުން އެދުނު މަސައްކަތްތައް، ވޭތުވެދިޔަ ފަސް އަހަރުތެރޭގައި ބަރާބަރަށް ފުއްދަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އަނެއްކާވެސް ރާއްޖޭގެ ސިޔާސީ މަސްރަހު އޮތީ އާ ފަސްއަހަރަކަށް

ރައީސް ސާލިހު މިހެން ވިދާޅުވީ އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މާލެ އަތޮޅުގެ ތިން ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ކ. ގުޅިއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސްގެ މިވާހަކަފުޅުގައި ވިދާޅުވީ ސަރުކާރާ ހަވާލުވިއިރު އެންމެ މުހިންމު ކަމަކަށް ރައްޔިތުންނަށް ބޭނުނެވަފައި އޮތީ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.

އެއީ 2018ވަނަ އަހަރުގެ ވާހަކަ ކަމަށާއި އޭރު ފެނާއި ނަރުދަމާގެ ހިދުމަތް ނުލިބޭ ރަށްރަށް ގިނަ ކަމަށާއި ގިނަ ރައްޔިތުން ތިބީ މި އަސާސީ ހިދުމަތްތަކުން މަހުރޫމުވެފައި ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރަށްރަށުގެ ބަނދަރުގެ ދަތިތަކާއި، ސިއްހީހިދުމަތްތަކާއި އަދިމިހެން ގޮސް ރައްޔިތުން ބޭނުންވާ އަސާސީ ހިދުމަތްތައް އެކިކަންކޮޅުތަކުން ލިބުން އޮތީ ދަތި އުނދަގޫ ކަމަކަށް ވެފައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އޭރު އެމަނިކުފާނު ކޮންމެ ރަށަކަށް އަރާވަޑައިގަތަސް އިވެމުން ދިޔައީ އެއްވާހަކައެއް ކަމަށެވެ.

"އަރާ ކޮންމެ ރަށަކުން، ބައްދަލުވާ ކޮންމެ މީހަކު އެދުވަހު ދައްކަމުން ގެންދިޔަ ވާހަކައަކީ އެއީ. މިރަށުގައި ހުރި ފެންފޮދު ތައައްޔަރުވެފައި ހުރި ވާހަކަ، ފާހާނާ ކޮށްލެވޭނެ ގޮތެއް ނެތް ވާހަކަ، ސިއްހީހިދުމަތް ރަށުން ނުލިބޭ ވާހަކަ، ތައުލީމު ދަރިންނަށް ލިބުން ދަތިވާހަކަ. އޮޑިދޯނިފަހަރު ގެންގުޅޭ މީހުން އޮޑިދޯނިފަހަރު ބަނދަރުގައި ބޭއްވޭނެ ގޮތެއް ނެތްވާހަކަ، މިހެންގޮސް އެކާވީސްވަނަ ގަރުނުގެ ތެރޭގައި މިއީ ދައްކާ ވާހަކައަކީ،"

ރައީސް ސާލިހު ވިދާޅުވީ އެންމެ މުހިންމު ވާޖިބަކަށް ހެެއްދދެވީ ތަފާތުކުރުމެއް ނެތި، ވަކިރަށެއް ވަކިރައްޔިތެއް ތަފާތުނުކޮށް، އެ އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ. އެއީ ރައްޔިތުން އެދުވަހު ބޭނުންވި ގޮތްކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް މިކަންތައް ކުރުމަށް ހަމަޖެހުމާއި އަމާންކަން ރާއްޖޭގައި އޮތުން މުހިންމު ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.