ވެރިކަމުގައި ތިބޭ ބަޔަކު ނުކުމެ މުޒާހަރާ ކުރަން ޖެހުމަކީ ވިސްނާލަން ޖެހޭނެ ސިޔާސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މާލެއަތޮޅުގެ ތިން ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ގުޅިއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
"އިދިކޮޅުން ނުކުންނާނެ، ހިޔާލުފާޅު ކުރާނެ، މުޒާހަރާ ކުރާނެ. އެހެންނަމަވެސް ވެރިކަމުގައި ތިބޭ ބަޔަކު ނުކުމެ މުޒާހަރާ ކުރަންޖެހުނީމަ އެއީ ވިސްނަން ޖެހޭ ކަމެއް. އެސިޔާސަތާ ދޭތެރޭ އަޅުގަނޑުމެން ވިސްނަން ޖެހޭނެ. އަމާންކަން ހަމަޖެހުން ފުލުހުންނާއި ސިފައިން އެބަތިބި، ސރުކާރުގަ ތިބޭ ބަޔަކު ނުޖެހޭނެ އެގޮތަކަށް އެކަން ކުރާކަށް. އެތާރިޙުގެ ވެސް މާޒީވެ ހިނގައްޖެ،" ރައީސް ސާލިހު ވިދާޅުވިއެވެ.
ސިޔާސީ މަސްރަހު ހަލަބޮލިވެގެން ދިޔަ ގޮތަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، ހުރިހާ ވެރިން، ސިޔާސީ ހުރިހާ ބޭފުޅުން ތިއްބެވީ ޖަލުގައި ނޫނީ ރާއްޖެ ނާދެވޭގޮތަށް ބޭރުގައިކަމަށެވެ. އެދުވަސްވަރު ކިރިޔާވެސް އަނގައިން ބުނެލާ މީހެއްނަމަ އެމީހަކު ހިފައި ހައްޔަރުކުރަމުން ދިޔައީ ފަނޑިޔާރެއް، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް، އާއްމު ރައްޔިތެއް، ނޫސްވެރިއެއް ނުވަތަ އެހެންވެސް މީހަކު ބެލުމެއް ނެތިކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ހުދު މިތިބީ ރައްޔިތުންގެ މަޖިލިހުގެ މެންބަރުންނަށް ތިބެ، ރައްޔިތުންގެ މަޖިލިހަށް ވަންނަން އުޅުނޭ ކިޔާފައި ދައުވާ ކޮށްފައި! ރައްޔިތުންގެ މަޖިލީހެއްގެ މަސްއޫލިއްޔަތު އަދާ ކުރަން އަޅުގަނޑު މަޖިލިހަށް ވަންނަން އުޅުނީތީ ދަމާހަލައި ގެންދިޔައީ ކޯޓަށް. ވަންނަ އުޅުނީ 12ވަރަކަށް މެންބަރުގެ މައްޗަށް އެދައުވާ ކުރި، އަދި ޖަލުގަ ތިބެން ޖެހުނު އެތައް ބަޔަކަށް، އެއީ ތިބޭފުޅުން އިންތިހާބުކޮށް ތިބޭފުޅުންގެ ބަސްއިއްވަން ރައްޔިތުންގެ މަޖިލިހަށް ފޮނުވާފަ ތިބި މެންބަރުންނާމެދު ކަންތަވެގެންދިޔަ ގޮތް،"
ރައީސް ސާލިހު ވިދާޅުވީ ފަނޑިޔާރުގެއަށް ވީގޮތް އިތުރަށް ކިޔައިދޭކަށް ނުޖެހޭނެ ކަމަށާއި އެހާލަތުގައި އޮއްވާ 2018ވަނަ އަހަރު ރައްޔިތުންގެ ފުރިހަމަ އަގުލަބިއްޔަތަކުން ކާމިޔާބީ ލިބިވަޑައިގެންނެވިކަމަށެވެ.