ގުޅިއަކީ މާލެއާ ކައިރިވިޔަސް އަރާ ފައިބާ އާބާދީކުޑަކަމުން އަޅާނުލެވި ދޫކޮށްލެވިފައި އޮތް ރަށެއް ކަމަށާއި މިސަރުކާރުން ގުޅިއަށް އިސްކަންދިނީ އެ ސަބަބާ ހުރެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކުރިއަށް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މާލެގެ ތިން ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ގުޅިއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރި މަސައްކަތަކީ ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި އަސާސީ ހިދުމަތްތައް ރަށްރަށުގައި ގާއިމުކުރުންކަމަށެވެ. އަދި ގުޅިއަކީ ގުޅިއަކީ މާލެއާ ކައިރިވިޔަސް އަރާ ފައިބާ އާބާދީކުޑަކަމުން އަޅާނުލެވި ދޫކޮށްލެވިފައި އޮތް ރަށެއް ކަމަށާއި ގުޅިއަށް މި ސަރުކާރުން އިސްކަން ދިނީ އެ ސަބަބަށްޓަކައި ކަމަށެވެ.

2018 ވަނަ އަހަރު ވެރިކަމާ ހަވާލުވިއިރު، ފެނާއި ނަރުދަމާގެ ނިޒާމު ގުޅީގައި ފުރިހަމަ ނުވެ އޮތްކަމުގައިވިޔަސް މިއަދު ގުޅިން މީރު ފެން ލިބޭ ކަމަށެވެ. އެރަށަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަމުގައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދެއްވުމަށް އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު އެމްޓީސީސީއާ ހަވާލުކޮށްފައިވާކަމަށާއި އަދި އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ ރަށުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ.