އާ ޒުވާނުންނަށް ފުރުސަތު ހުޅުވާލުމަކީ އެންމެ މުހިންމު އަމާޒު ކަމަށްވާއިރު މިހާރަށްވުރެ ބޮޑަށް ޒުވާނުންނަށް ކަންކަމުގައިި ބަސްބުނުމުގެ ފުރަސަތު ދިނުންކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީރޭ ބޭއްވި "އުފާވެރި އަމާން" ކެމްޕެއިން ޖަލްސާގައި ވާހަފުޅުދައްކަވަމުންނެވެ. މިޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ކުރިއަށް އޮތް ދައުރަށް ކުރިމަތި ލައްވަނީ ވައުދުތަކަކާއި އަމާޒަކާއެކުގައި ކަމަށެވެ. އެގޮތުން އެންމެ މުހިންމު ކަމަކީ އާ ޒުވާނުންނަށް ކަންކަމުގައި ބަސްބުނުމުގެ ފުރުސަތު މިހާތަށްވުރެ ބޮޑަށް ދެއްވުންކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ކަންކަމުގައި ބަސްބުނުމުގެ ފުރުސަތު މިހާރަށްވުރެ ބޮޑަށް ޒުވާނުންނަށް ދިނުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމަށާއި ދިވެހިންނަކީ ވިސްނުންތެރި، ހޭލުންތެރި، މަަސައްކަތްތެރި ބައެއްކަމަށާއި، ބޭނުން ވަނީ އެ މަސައްކަތް ކުރާނެ ޖާގަ ހޯދައިދިނުން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ސަރުކާރުން ބޭނުންވާ އަސާސީ ހިދުމަތާއި އިންފްރާސްޓްރަކްޗަރ ގާއިމްކޮށްދިނުމުގެ މަސައްކަތް ކުރަމުން ދިޔައީ ތަފާތުކުރުމެއް ނެތި ކަމަށާއި މި ވެރިކަން ނިމޭއިރު ފެނާއި ނަރުދަމާގެ ހިދުމަތް ރާއްޖޭގެ ހުރިހާ ރަށެއްގައި ނިމެމުންދާކަމަށެވެ.

.މާފުށީގައި މިހާރު ކުރަމުންދާ މަސައްކަތްތަކާއި ކުރިއަށް ރޭވިފައި ހުރި މުހިންމު ކަންތައް ފާހަގަކުރައްވައި ރައީސް ވަނީ ރައްޔިތުން އެދުނު ގޮތަށް މާފުށީގެ ބިން ކައުންސިލާ ހަވާލުކޮށް، އެ ބިން މާފުއްޓާ ގުޅުވާލުމުގެ މަސައްކަތް ކުރިއަށްދާކަންވެސް ހާމަކުރައްވާފައެވެ. މާފުށީގެ ބަނދަރު ބޮޑުކުރުމަކީ އެށަށް ލިބޭ ކުރިއެރުމެއް ކަމަށާއި ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުން ކުރިއަށްގެންދަވާ ކަމަށާއި އެ ބަދަލުތައް ގެނެސް، އެ ތަނުން ކުރިން ނުލިބޭ ހިދުމަތްތައް ލިބޭނެ އިންތިޒާމް ހަމަޖައްސައިދީފައި ވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.