ގާނޫނަށް ބަދަލު ގެނެސްގެން ވިޔަސް، ގުރައިދޫ ރައްޔިތުން ބޭނުންވާ ބޯހިޔާވަހިކަން ހޯއްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ކުރިއަށް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މާލެއަތޮޅުގެ ތިން ރަށަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ކ. ގުރައިދުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ކ. ގުރައިދޫ ކައުންސިލަށް މަސްއޫލިއްޔަތު އަދާކުރެވިފައި ނުވާ ކަމަށާއި އެރަށުގެ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ގާނޫނަށް ބަދަލު ގެނެސްގެން ވިޔަސް ހޯއްދަވައިދެއްވާނެކަމަށެވެ. ރައީސްގެ ވާހަކަފުޅުގައި 2018 ވަނަ އަހަރު ކެމްޕެއިންގައި ގުރައިދޫދާއިރާއަށާއި ގުރައިދޫއަށް އޮތް ވައުދުތަކެއް ހުންނާނެ ކަން ފާހަގަކުރައްވައި ވިދާޅުވީ އޭގެ ތެރެއިން ގާތްގަނޑަކަށް ހުރިހާ ވައުދެއް ދަނީ ފުރިހަމަވަމުން ނިމެމުން ކަމަށެވެ.

"ބިން ހިއްކީ ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް. އެނގިވަޑައިގަންނަވާނެ ފަދައިން ގާނޫނުގައި އޮންނަ ގޮތުން ރަށްރަށުގެ ބިން ކަނޑައި، ރައްޔިތުންނަށް ދޫކުރުމަކީ ކައުންސިލުގެ ޒިންމާގައި އޮތް ކަމެއް. މިހާތަނަށް އައި އިރުގައިވެސް އެކަން ނުކޮށް ކައުންސިލުން އޮތް އޮތުމަކީ އަޅުގަނޑު ހިތާމަކުރާ ކަމެއް. ސަރުކާރުން އެ އޮތީ ބޮޑު ބިމެއް ހިއްކައިދީފައި. ރައްޔިތުން މި ރަށުން ބޯހިޔާވަހިކަން ބޭނުންވޭ. ގޯތި ބޭނުންވޭ. ގޯތި ނުދެވެންވީ އެއްވެސް ސަބަބެއް މި ރަށަކު ނެތް މިހާރު. އަޅުގަނޑު ދަންނަވާނީ އެކަން ކައުންސިލަށް ނުކުރެވޭ ކަމަށްވަންޏާ، ގެންނަން ޖެހޭ ބަދަލެއް ގެނެސްގެން ނަމަވެސް، ގާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް، މި ރަށުގެ ރައްޔިތުންނަށް އަޅުގަނޑުމެން ބޯހިޔާވަހިކަން ފޯރުކޮށްދޭނަން،" ރައީސް ވިދާޅުވިއެވެ.

ރައްޔިތުން ބޭނުންވާ ކަންތައްތަކަށް ހުރަސް އަޅާ ބަޔަކަށް ދެނެއް ޖާގައެއް ދޭން ނެތް ކަމަށާއި މި އިންތިހާބުތަކުގައި ގުރައިދޫގެ ރައްޔިތުން އެކަން ދަންނާނެ ކަމަށެވެ. އެއީ ކޮންމެ އިންތިހާބެއްކަމަށްވިޔަސް ރައްޔިތުންގެ މުހުތާދުތައް ފުއްދައިދޭ ބަޔަކު ނޫނިއްޔާ ރައްޔިތުން ދެނެއް ނުހޮވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ރާއްޖެއަށް ބޭނުންވަނީ ތަރައްގީ ކަމަށާއި އެއީ ކޮންމެ ރައްޔިތަކު ވެސް ބޭނުންވާ ކަމެއްކަމަށެވެ. ތަރައްގީއަކީ ހިތަށް ފިނިކަން ލިބުން، ނަފްސަށް އުފާވެރިކަން ލިބުން، ސިކުނޑިއަށް ނުތަނަވަސްކަމުން މިންޖުވެ އަމިއްލަ ދިރިއުޅުމައިގެން މަސައްކަތްކުރެވޭނެ ގޮތެއް ހޯދުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އއެ ތަރައްގީއަކީ އެމަނިުކުފާނުމެން އެގެނެސްދެއްވާ ތަރައްގީ ކަމަށެވެ. އެގޮތުން ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމާއި އެންމެންގެ އާއިލާއާ އެކީގައި ހަމަޖެހިގެން އަމިއްލަ ދަރިންނަށް އުނގަންނައިދީ، ކައިރިން ސިއްހީ ހިދުމަތް ލިބޭނެ ގޮތް ހަދައިދީ، ދިރިއުޅުން ބާއްޖަވެރިކުރުމަށް ކުރާ މަސައްކަތްތައް ކުރުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"ތަރައްގީއަކީ. އަޅުގަނޑުމެން މި ގެނެސްދެނީ އެ ތަރައްގީ. އުފާވެރި ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދިނުން. އަޅުގަނޑުމެންގެ އާއިލާއާ އެކީގައި ހަމަޖެހިގެން، ތަރިންނަށް ކިޔަވައިދީގެން ސިއްހީ ހިދުމަތް ކައިރިން ލިބޭނެ ގޮތް ހަދައިދީ، ދިރިއުޅުން ބާއްޖަވެރިކުރުމަށް ކުރާ މަސައްކަތްތައް ކުރުން. އަޅުގަނޑުމެންގެ ސިކުނޑި، އަޅުގަނޑުމެންގެ ދިރިއުޅުމައިގެން ވިސްނުމަށް ޖާގަ ހޯދައިދިނުން. ހަލަބޮލިކަމުން ނެއްޓި، އަމާންކަން އޮތް ޖައްވެއްގައި ދިރިއުޅުން ހޭދަކުރުން،" ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން ފަށައިގެން ކުރިއަށްގެންދާ މަސައްކަތް ފުރިހަމަކުރާނީ އެމްޑީއޭ އާއި އަދާލަތު ޕާޓީއާ އެކީގައި އޮތް ކޯލިޝަނުން ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.