މާފުށީ ހޮސްޕިޓަލުގެ ހިދުމަތްތައް އިތުރަށް ފުޅާކޮށްދިނުމުގެ ވައުދާއެކު އެ ރަށަށް އިތުރު ވައުދުތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވެވަޑައިގެންފިއެވެ.
ކުރިއަށް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މާލެއަތޮޅުގެ ތިން ރަށަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މާފުށްޓަށް ވަޑައިގެން، ރޭ އެ ރަށުގައި ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މާފުއްޓަށާއި ރާއްޖޭގެ އެކި ރަށްރަށަށް ވީ ވައުދުތަކުގެ 90 އިންސައްތަ މަސައްކަތް މިހާރު ހުރީ ނިމިފައިކަމަށް ނޫނީ ހިނގަމުން ކަމަށާއި ހާއްސަކޮށް ރިޔާސީ ވައުދުގެ ގޮތުގައި މާފުށްޓަށް ވީ ވައުދުތަކުގެ ހުރިހާ މަސައްކަތްތަކެއް ނިމުމަކާ ހިސާބަށް ގޮސްފައިވާ ކަމަށާއި އިތުރަށް މާފުއްޓަށް ކޮށްދޭން ޖެހޭ ކަންތައްތަކެއް ހުރިކަން ވެސް ފާހަގަކުރައްވައިފައެވެ.
"އިރާދަކުރެއްވިއްޔާ ދެން މާފުށީގައި އަޅުގަނޑުމެން ފަށާނެ މަސައްކަތަކީ މާފުށީ ރައްޔިތުން އެ އެދޭ ގޮތަށް މާފުށީގެ ބޮޑެތި މަގުތައް ހެދުމުގެ މަސައްކަތް. މި ބަނދަރު ނިމިގެންދާ އިރުގައި، މި ސަރަހައްދުގައި ރަނގަޅު ފެރީ ޓާމިނަލަކާއި އަރައިވަލް ޖެޓީއެއް މި ޒަމާނުގެ ފެންވަރަށް އިރާކުރެއްވިއްޔާ އަޅުގަނޑުމެން ގާއިމުކުރާނަން. ހިއްކި ބިމުގައި ފެނާއި ނަރުދަމާގެ ނިޒާމު އިރާދަކުރެއްވިއްޔާ ގާއިމުކޮށްދީ، އެ ތަނުގައި ގެދޮރު އިމާރާތްކުރަމުންދާ އިރު، އެ ވަސީލަތްތައް އެ ގޮރަށް ލިބޭނެ ގޮތް އަޅުގަނޑުމެން ހަމަޖައްސައިދޭނަން. ކުރިންވެސް ދެންނެވި ފަދައިން މާފުށީ ހޮސްޕިޓަލަކީ ފެންވަރު ރަނގަޅު ހިދުމަތްތައް ލިބިގެންދާ ހޮސްޕިޓަލަކަށް އަޅުގަނޑުމެން ބަދަލުކޮށްދޭނަން،" ރައީސް ވިދާޅުވިއެވެ.
2018 ގެ ރިޔާސީ އިންތިހާބުގައި މާފުށްޓަށް ވެވަޑައިގެންނެވި އެންމެ ބޮޑު އެއް ވައުދަކީ އެ ރަށަށް ބިން އިތުރުކުރުން ކަމަށެވެ. އަދި ކައުންސިލްގެ ފަރާތުންނާއި ރައްޔިތުންގެ ފަރާތުން އެދުނީ ޕިކްނިކް އައިލެންޑެއް އިތުރުކުރުން ކަމަށާއި މާފުށީގެ ބިން އިތުރުކުރެވިގެން ދިޔަ އިރުގައި، އެ ރަށަށް ބޭނުންވާ ޕިކްނިކް އައިލެންޑް ވެސް އެ އޮތީ ނިމިފައި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މާފުށީގެ ސިއްހީ މަރުކަޒަކީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ހަމައެކަނި ނަމެއްގައި ހުރި ތަނެއް ކަމަށާއި ބޭނުންވެފައި އޮތް އެތަކެއް ގިނަ ހިދުމަތެއް އެ ތަނުން ލިބިފައިނުވާ ކަމަށެވެ. މިހާރު ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށް، އެތަނަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށް ރައީސް ވަނީ ހާމަކުރައްވާފައެވެ،