ތަޖުރިބާކާރު ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ އާއި މެކްކެނީ، ޒަކަރިއްޔާ އަދި އާތާރ މެލޯ ދޫކޮށްލަން ޔުވެންޓަސްއިން ނިންމައިފިއެވެ.

އިޓަލ ގައުމީ ޓީމަށް 121 މެޗް ކުޅެދީފައިވާ ބޮނޫޗީ،36، ދޫކޮށްލަން ޔުވެންޓަސްއިން ނިންމީ ގިނަ މަޝްވަރާތަކެއް އޭނާއާއެކު ކުރުމަށްފަހުއެވެ. ތިންސަތޭކަ ފަންސާހަށްވުރެ ގިނަ މެޗް ޔުވެންޓަސްއަށް ބޮނޫޗީ ކުޅެދީފައިވާއިރު، މިދިޔަ ސީޒަނުގައި ކުރިމަތިވި ނާކާމިޔާބީތަކުގެ ސަބަބުން ޔުންޓަސްއިން މިހާރު މަސައްކަތް ފަށާފައި ވަނީ ޒުވާން ކުޅުންތެރިންނަށް އިސްކަންދީގެން ޓީމެއް ބިނާ ކުރުމަށެވެ.

ބޮނޫޗީ ގެންދަން މިހާތަނަށް ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ ފްރާންސްގެ އޮލިމްޕިކް ލިއޯނުންނެވެ. އެކަމަކު އެކްލަބުން އަދި މިހާތަނަށް ރަސްމީކޮށް ބިޑް ކޮށްފައެއް ނުވެއެވެ.

ބޮނޫޗީގެ އިތުރުން އެމެރިކާގެ މެކްކެނީ އާއި ސްވިޓްޒަލޭންޑުގެ ޑިފެންސިވް މިޑްފީލްޑަރު ޑެނިސް ލެމީ ޒަކަރިއްޔާ އަދި ބްރެޒިލްގެ އާތާރ މެލޯއަށް ޔުވެންޓަސްއިން އަންގާފައި ވަނީ އެކްލަބުން އަލަށް ފަށާ ޕްރޮޖެކްޓުން އެކުޅުންތެރިންނަށް ޖާގަ ނެތް ކަމަށެވެ.