މި ވާހަކަ ކިޔައި ސީރިއަސް ނުވާށެވެ. ހިތް އުފާ ކޮށްލަން ހީލިއަސް އެންމެ ރަނގަޅެވެ.
ފޮޓޯގައި މި ފެންނަނީ ބިހާރުގެ ހެލްތު މިނިސްޓަރެވެ. ހެލްތު މިނިސްޓަރު އޭނާގެ ވަޒީފާ ބަރާބަރަށް އަދާ ކުރާނަމަ ގޮނޑި ހޫނުކުރުމުގެ ބަދަލުގައި ދޭތެރެއަކުން ހަސްފަތާލުތައް ބަލާލަން ޒިޔާރަތް ކޮށްފާނެ ނޫން ހެއްޔެވެ؟
މި ވަޒީރުވެސް މި ދިޔައީ ހަސްފަތާލަކަށް ޒިޔާރަތަކަށެވެ.
ހަސްފަތާލުގައި އައިސީޔޫއަށް ވަންނަ އިރު ބައެއް ފަހަރު ތާކިހަލެއް އަޅުވައި އުޅޭކަން ދަންނަމެއް ނޫން ހެއްޔެވެ؟ އަދި ބައެއް ފަހަރު ފަޔަށް ލައްވަން ކޮތަޅެއްވެސް ދެއެވެ.
މި ވަޒީރުގެ ޒިޔާރަތުގައި ފަޔަށް އަރުވަން ދިން ކޮތަޅު ވަޒީރު ހެޔޮވަރު ކޮށްލީ ބޮލަށެވެ. އަދަބު އިހުތިރާމު އަދާ ކުރަން ޖެހޭ އިރު ވަޒީރަށް ނޫނެކޭ ބުނާނީ ކާކު ހެއްޔެވެ؟
ވަޒީރު ފަޔަށް ވުރެން ޕޮލިސީ މައްސަލަތަކާ މެދު ވިސްނުގައި ދޮންނަ މެޝިނެއް ހެން އަބަދު އެނބުރިއެނބުރި ހުންނަ ވަޒީރުގެ ބޯ މާ ބޮޑަށްވެސް މުހިންމު ވާނެކަން ހަސްފަތާލު ސްޓާފުންވެސް ދަންނާނެ ނޫން ހެއްޔެވެ!
އެހެންވެ، ވަޒީރު އެހުންނެވީ ޖޫތާކޮޅުގައި އެޅުވުމަށް ދިން ކަވަރު ބޮލަށް ފައްތައިގެންނެވެ.
މަގޭ ސުއާލަކީ އެހެން ވީއިރު އޭގެ އަނެއް ފަޅި ވަޒީރު އަންހެނުންނަށް ހަދިޔާއަކަށް ޝަވަރު ކެޕެއްގެ ގޮތުގައި ދޭން ޖީބަށްލީ ބާވައެވެ؟