މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ އީޓުކުރި މޯބައިލް އެޕްލިކޭޝަން ރަސްމީކޮށް ލޯންޗްކޮށްފިއެވެ.

މީރުމާގައި ރޭ ބޭއްވި މި ރަސްމިއްޔާތުގެ ޝަރަފްވެރިކޮށްދެއްވާ މޯބައިލް އެޕްލިކޭޝަން ރަސްމީކޮށް ލޯންޗްކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާއެވެ.

އަދި އީޓުކުރީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުހައްމަދުގެ އިތުރުން އެކުންފުނީގެ އިސްވެރިން މި ރަސްމިއްޔަތުގައި ބައިވެރިވެ ވަޑަިގެންނެވިއެވެ.

އީޓުކުރި މޯބައިލް އެޕްލިކޭޝަން ރަސްމީކޮށް ލޯންޗްކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ޝައުނާ ވިދާޅުވީ ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު ޑިޖިޓަލް އެކި އެކި ވަސީލަތްތަކުގެ ބޭނުން ހިފާ، އާއްމުންނަށް ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ ޚާއްސަ ސިޔާސަތެއްކަމަށެވެ. އަދި މިކަން ހަޤީޤަތަކަށް ހެދުމަށް ފާއިތުވި މުއްދަތުގައި ކުރެވުނު މަސައްކަތްތަކާއެކު ކުރިއެރުންތަކެއްވެސް ލިބެމުންދާކަން ޝައުނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން މިނިސްޓަރ ވިދާޅުވީ އީ-ފާސް އެޕް ތަޢާރަފްކޮށް ރައްޔިތުންނަށް ރައްކާތެރިކަމާއެކު ލޮގްއިން ކުރެވޭނެ ނިޒާމެއް ޤާއިމުކޮށްފައިވާކަމަށާއި، ޑިޖިޓަލް އައިޓެންޓިޓީ ނިޒާމުގެ މޯބައިލް އެޕްލިކޭޝަންގެ އަރލީ ރިލީޒް މިއަހަރުގެ މެއިމަހު ތަޢާރަފުކޮށްފައިވާކަމަަށެވެ. އަދި 31،000 މީހުން މިހާރު މި މޯބައިލް އެޕް ޑައުންލޯޑްކޮށް ބޭނުންކުރަން ފަށާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ ޚިދުމަތްތަކަށް އެއްތަނަކުން އެދުމަށް ފަސޭހަ ނިޒާމެއް ޤާއިމުކުރުމުގެގޮތުން "ވަންގަވް" ޕްލެޓްފޯމުވެސް ތަޢާރަފްކޮށް ބޭނުންކުރަން ފަށާފައިވާކަން އެކަމަނާ ވިދާޅުވިއެވެ.

އީޓުކުރި މޯބައިލް އެޕްލިކޭޝަން ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ:ހަލިނިއުސް

އަދި މިފަދަ ޑިޖިޓަލް ލުއިފަސޭހަތަކާއެކު އާއްމުންގެ ޒާތީ މަޢުލޫމާތުތައް ރައްކާތެރިކޮށްދީ، ސައިބަރ ސްޕޭސްގެ ރައްކާތެރިކަން ކަށަވަރުކުރުމަކީވެސް މުހިންމުކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މި ޚިދުމަތްތައް ދެމެހެއްޓެނިވިގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް، އިތުބާރުހިފޭ ގޮތެއްގައި މި ޚިދުމަތް ފޯރުކޮށްދިނުމަށް ސައިބަރ ސެކިއުރިޓީއާއި ގުޅޭ ކަންކަން ބެލެހެއްޓުމަކީވެސް މުހިންމުކަމެއް'' މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ

ހަމައެއާއެކު މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށަކީވެސް ޚާއްސަ ސިފަތަކެއް ލިބިފައިވާ ވަކި އިޤްތިޞާދެއް އޮންނަ ރަށްތަކެއްކަމަށާއި އެއާއެކު އީޓުކުރި މޯބައިލް އެޕްލިކޭޝަނަކީ ރާއްޖޭގެ މުޅި އީ-ކޮމާސް ދާއިރާއަށްވެސް ތަޢާރަފުކުރެވުނު ވަރަށް އިނޮވޭޓިވް ޕްލެޓްފޯމެއްކަމަށެެވެ. އަދި މިއީ މި ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އިތުރު ހަރުފަތަކަށް ގެންގޮސް އެފަރާތްތަކުގެ ވިޔަފާރި މާކެޓްކުރުމަށް ލިބޭ އަގުހުރި ފުރުޞަތެއްގެ ގޮތުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އީޓުކުރި ފަދަ ޕްލެޓްފޯމްތަކުން، ސައިބަރ ވެށީގެ ރައްކާތެރިކަން އިތުރުވެގެންދާނެކަން ޔަޤީންކުރުމާއެކު، ވިޔަފާރިކުރާ ފަރާތްތަކުގެ މަސްލަޙައުތައްވެސް ޚިމާޔަތްކޮށް، މުޅި އީ-ކޮމާސްގެ ދާއިރާއަށް އޮތް އިތުބާރު އިތުރުކުރުން މުހިންމުކަމަށާއި ވަކިން ޚާއްސަކޮށް ކޯވިޑް-19އަށްފަހު ވިޔަފާރިތަކާއި ތަފާތު އެކިއެކި ޚިދުމަތްތައް ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް އޮންލައިންކޮށް ހޯދާ ނިސްބަތް ބޮޑުތަނުން އިތުރުވެފައިވާއިރު، ދެމެހެއްޓެނިވި ގޮތެއްގައި މިފަދަ ޚިދުމަތްތައް ކުރިއެރުވުމަކީވެސް މުހިންމުކަމެއްކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

އީޓުކުރިއަކީ އާންމު ދިރިއުޅުމުގައި ބޭނުންވާ ހުރިހާ މުދަލެއް އެއްތަނަކުން އޮންލައިންކޮށް ހޯދުމަށް ފަރުމާކޮށްފައިވާ ވިޔަފާރި ޕްލެޓްފޯމެކެވެ.