ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭން ދަތުރުފުޅެއްގައި މުލަކު އަތޮޅަށާއި ފެލިދެއަތޮޅަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ. ރައީީސް އެންމެ ފުރަތަމަ ވަޑައިގަންނަވާނީ (މީމު) މުލަކަތޮޅަށެވެ.

އެއަތޮޅުގެ ކޮޅުފުށި، ނާލާފުށި، މުލި އަދި މުލަކަށް ރައީސް ވަޑައިގަންނަވާނެއެވެ. މިއިން ކޮންމެ ރަށަކަށް ވަޑައިގެންވެސް ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ބޭނުންވާ ކަންކަން އޮޅުންފިލުއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބައެއް ޚިދުމަތްތައް އިފްތިތާހު ކޮށްދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެެ.

މުލަކަތޮޅަށް ފަހު ރައީސް ވަޑައިގަންނަވާނީ ފެލިދެ އަތޮޅަށެވެ. އެ އަތޮޅުގެ ރަކީދޫ، ކެޔޮދޫ، ފެލިދޫ، ތިނަދޫ އަދި ފުލިދޫއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. މި ރަށްތަކަށް ވަޑައިގެން ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައްޔިތުންގެ މުހުތާދުތަކާއި ޝަކުވާތައް އަޑުއައްސަވާނެއެވެ.

ރައީސް ސާލިހު މިހާތަނަށް ކެމްޕޭން ދަތުރުފުޅުތަކުގައި ވަޑައިގެންނެވީ ށ. އަދި ކ. އަތޮޅުގެ ބައެއް ރަށްރަށަށެެވެ.

ތިން ދުވަހުގެ މި ދަތުރުފުޅު އެމަނިކުފާނު ފެއްޓެވުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހުއެވެ.