ކ.ތުލުސްދޫގައި ކުރިއަށްދިޔަ އެސްޓީއޯ މިޔަޓް ފުޓްސަލް ފިއެސްޓާގެ ފައިނަލުގައި މިރޭ ރާއްޖޭގެ ނަން މަޝްހޫރު ފުޓްސަލް ތަރިންގެ މައްޗަށް އެކުލެވޭ ކަންމަތި އެފްސީ 4-5 އިން ބަލިކޮށް ދިއްފުށިން ޗެމްޕިއަންކަން ހޯދައިފިއެވެ.
ކަންމަތި އެފްސީ ތަށި ހޯދުމަށް ނިކުތީ ރާއްޖޭގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ މަގާމް ހޯދާފައިވާ ތިމަރަފުށީގެ އިބްރާހިމް އަސްވާދް (ގަބޭ) އާއި އިނގުރައިދޫއަށް އުފަން ރާއްޖޭގެ އެންމެ މޮޅު އެއްފުޓްސަލް ކުޅުންތެރިޔާ އަލީ ހާޒިފް (ހާއްޕެ) އާއެކުއެވެ.
ފުރަތަަމަ ހާފް ފަށައިގެން ބޯޅަ ހިފަހައްޓައިގެން ކުޅެ ހަމަލާތައް އުފެއްދުމަށް ކަންމަތި އެފްސީއިން މަސައްކަތް ކުރިއެވެ. އެކަމަކު ދިއްފުށީ ކުޅުންތެރިން ދެއަރިމަތިންނާއި ޑިއޭރިޔާ ކުރިމަތިން މޮޅަށް ޑިފެންސް ކުރަމުންދިޔުމުން ގަބޭ އާއި ހާއްޕެއަށް ޖެހުނީ ދުރުން ހަމަލާ އުފައްދާށެވެ. މިގޮތުން ހާއްޕެ ފޮނުވާލި ނުރައްކާތެރި ދެހަމަލާއެއް ދިޔައީ ދިއްފުށީ ގޯލު ދަނޑި ކައިރިން ބޭރަށެވެ.
ތަޖުރިބާކާރު ކުޅުންތެރިޔާ އަހްމަދު ރިޒްވާން (ރިޒޭ) އާއި އެންމެފަހުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މާލެ އަތޮޅުގެ ޗެމްޕިއަންކަން ދިއްފުއްޓަށް ހޯދައި ދިނުމަށް މޮޅު ކުޅުމެއް ދެއްކި ޒައިން ޒަފަރުގެ އެހީގައި މަޑުމަޑުން ދިއްފުށިން މެޗް ތެރެއަށް ވަދެ ކަންމަތި އެފްސީގެ ގޯލަށް ނުރައްކާ ކުރަން ފެށިއެވެ.
ނަތީޖާއަކަށް ވެގެންދިޔައީ ދިއްފުށިން އުފެއްދި ކައުންޓަ އެޓޭކެއްގައި ރިޒޭ ތަނަަވަސް ކުރި ފުުރުސަތަކުން މާޒިން (މާލެ އަތޮޅު ފުޓްސަލް ކިންގ) ގެ ހިތްގައިމު ލަނޑަކުން ދިއްފުށިން ލީޑް ނެގުމެވެ.
އެކަމަކު އޭގެ މާގިނައިރުތަކެއް ނުވެ ގަބޭގެ ލަނޑަކުން ކަންމަތި އެފްސީއިން އެއްވަރު ކުރިއެވެ. ދިއްފުށިން ދެވަނަ ފަހަރަށް ލީޑް ނެގީ ފުރަތަމަ ހާފް ނިމެން ދަނިކޮށް ކެޕްޓަން ޒައިންގެ ރީތި ލަނޑަކުންނެވެ.
ދެވަނަ ހާފް ފަށައިގެން 6 ވަނަ މިނެޓުގައި ކަންމަތި އެފްސީއިން އެއްވަރު ކުރީ ސުހައިލް (ސޮކޭ) ފޮނުވާލި ހަމަލާއެއް ތިރިތިރިން ގޯލުގެ ކަނަށް އަމާޒު ކޮށްލައިގެންނެވެ. ޓެމްޕޯ ވަރަށް ހައިކޮށް ކުޅެމުންދިޔަ ދިއްފުށިން ހަމަނޭވާއެއްލީ ފުލުފުލުގައި 3 ލަނޑު ޖަހައިގެންނެވެ. މިލަނޑުތައް ކާމިޔާބު ކޮށްދިނީ ޒައިން އާއި ރިޒޭ އަދި ޝިނާޒް އެވެ. އޭރު މެޗް ނިމެން ހުރީ އެންމެ 4 މިނެޓެވެ.
ތިން ލަނޑުގެ ލީޑެއް ލިބުމުން ދިއްފުޓަށް ފަސޭހަކަމާއެކު މެޗުގެ ބާކީ އޮތް ވަގުތުކޮޅު ހިފަހައްޓާލާނެ ކަމަށް ބެލެވިފައި ވަނިކޮށް ކައިރިކައިރީގައި އެފްސީ ކަންމަތިން ދެލަނޑު ޖަހައި ފަރަގު ކުޑަ ކުރުމުން ދިއްފުށި ޕްރެޝަރަށް ވެއްޓުނެވެ.
ދިއްފުށިން ތަށި ޔަގީން ކުރީ މުޅި މުބާރާތުގައިވެސް މޮޅަށް ކުޅުނު ކީޕަރު މުހައްމަދު ނައުޝާދުގެ ހުށިޔާރު ސޭވްތަކާއި އެރަށުގެ އެތައް ސަތޭކަ ސަޕޯޓަރުންގެ ތަރުހީބާއެކު، މެޗުގެ ބާކީ އޮތް ވަގުތުކޮޅު އިތުރު ލަނޑެއް ވަނަނުދީ ހިފަހައްޓާލައިގެންނެވެ.
މުބާރާތުގެ ކިންގުގެ މަގާމް ލިބުނީ ދިއްފުށީގެ ކެޕްޓަން ޒައިން އަށެވެ. މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންގެ ތެރޭގައި ރިޒޭ އާއި ނައުޝާދުވެސް ހިމެނުނެވެ.
މިއީ މިޔަޓް ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ދިއްފުށިން ހޯދި ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެ.
މިފަހަރުގެ ފިއެސްޓާގައި މުޅިން އަލަށް ފެށި އަންހެން ޑިވިޜަނުގެ ފައިނަލުގައިވެސް އެއްކޮޅުން ދިއްފުށީ އަންހެން ޓީމު ވާދަކުރިއެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗުން ދިއްފުށީ އަންހެން ޓީމު ބަލިވީ އަޕޮކަލިޕްސް އަތުން ޕެނަލްޓީ ޖަހައިގެން 6-5 އިންނެވެ.