މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު މ. އަތޮޅުގެ ބައެއް ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ކޮޅުފުއްޓަށް ވަޑައިގަތުމުން އެރަށުން އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ރައީސަށް މަރުހަބާ ދެންނެވުމަށް ކޮޅުފުށީގެ އެތައް ބަޔަކު ބަނދަރު ސަރަހައްދަށް ޖަމާވެ، ރައީސަށް ދެވަނަ ދައުރެއް ދިނުމަށް ބޭނުންވާކަން ހާމަކުރާ އެކި ޝުއޫރުތައް ވަނީ ފާޅުކޮށްފައެވެ. ރައީސްގެ މިދަތުރުފުޅުގައި މި ރަށުގެ ފެނުގެ ނިޒާމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމުމަށް ފާހަގަކުރުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމާއި މި ރަށުގައި ހުންނަ މ އަތޮޅު މަދަރުސާގެ މަލްޓި ޕާޕަސް ހޯލާއި 8 ކްލާސްރޫމް ހުޅުއްވައިދެއްވާނެއެވެ.

އަދި އެއަށްފަހު މި ރަށުގެ ބަނދަރު ސަރަހައްދުގައި ރައްޔިތުންނާ ބައްދަލުކުރައްވުމަށް ބާއްވާ ކަންމަތީ ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސް ސާލިހު މި ރަށުން ދެން ވަޑައިގަންނަވާނީ މި އަތޮޅު ނާލާފުށްޓަށެވެ.