މުލަކު އަތޮޅުގެ ވެރިކަން ކުރާ ރަށް މުއްޔާއި ނާލާފުއްޓާ ގުޅާލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު މި ރަށުގެ ރައްޔިތުންނަށް ވައުދުވެވަޑައިގެންފި އެވެ. ރައީސް މިކަމަށް ވައުދުވެވަޑައިގެންނެވީ މިއަހަރު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރެރިން މިއަދު ނާލާފުށްޓަށް ވަޑައިގެން ރައްޔިތުންނާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ނާލާފުށީގައި ދިރިއުޅޭ 384 މީހުންނަކީވެސް އެ މަނިކުފާނަށް މުހިންމު ބައެއް ކަމަށާއި ތަރައްގީ ގެނައުމުގައި އެ މަނިކުފާނުގެ ސިޔާސަތަކީ ކިތަންމެ ކުޑަ ނަމަވެސް އެ މީހަކު ދިރިއުޅޭ ތަނަކުން އަސާސީ ހިދުމަތްތައް ތަފާތު ކުރުމެއް ނެތި ލިބުންކަން ފާހަގަ ކުރެއްވިއެވެ.

2018އިގެ ރިޔާސީ އިންތިހާބުގައި މިރަށުން އެމަނިކުފާނަށ ލިބިވަޑައިގެންނެވި އެންމެ %38 ވޯޓުގެ ހަނދާން އާކުރައްވައި، ރައީސް ވިދާޅުވީ ނަތީޖާ އެގޮތަށް އޮތަސް ތަރައްގީ ގެނެސް ދިނުމުގައި އެއްވެސްވަރެއްގެ ތަފާތެއް ނުކުރައްވާނެ ކަމަށެވެ.

"މި ރަށާއި މުލި ގުޅާލުމަކީ އަޅުގަނޑުމެންގެ ވައުދެއް. އެކަން އޮތީ ޕްލޭން ކުރެވިފައި. އޭރުން ލިބެން ނެތް ހިދުމަތްތައް ހޯދުމަށް މުއްޔަށް އެއްގަމު މަގުން ދެވޭނެ. އެއީ ބޮޑު ފަސޭހައަކަށް ވާނެ. އަދި އެއާޕޯޓް މި އަހަރު މުލީގައި ހުޅުވުމާ އެކު އެ ފަސޭހަ އިތުރަށް ބޮޑުވާނެ،"
ރައީސް އިބްރާހިމް މުހައްމަދު ސާލިހު

އަދި ރައީސް ވަނީ މި ރަށާ އެއް ފަޅެއްގައި ކަހަލަ ގޮތަކަށް އޮންނަ މުއްޔާއި މި ރަށް ގުޅާލައްވާނޭ ކަމަށް ވައުދުވެ ވަޑައިގެންފައެވެ. މި އަހަރު މުލީ އެއާޕޯޓް ނިންމައި އެ މަޝްރޫއު އަމަލީ ގޮތުން ފައްޓަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.