މިއަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނު އެތުލީޓުގެ ޝަރަފާއެކު ގިނީސް ވަރލްޑް ރެކޯޑް ފޮތުން މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ޖާގަ ހޯދައިފިއެވެ.

މަޝްހޫރު ފޯބްސް މަޖައްލާއިން ހާމަ ކޮށްފައިވާ ގޮތުގައި ރޮނާލްޑޯއަށް މިއަހަރު 136 މިލިޔަން ޑޮލަރު އާމްދަނީގެ ގޮތުގައި ލިބުނެވެ. އެއީ ދަނޑުމަތިން (ސައުދީގެ އަލް-ނަސްރުން) ލިބުނު 46 މިލިޔަން ޑޮލަރާއި ދަނޑު ބޭރުން ހޯދި 90 މިލިޔަން ޑޮލަރެވެ.

މީގެ ކުރިން 2 ފަހަރެއްގެ މަތިން ރޮނާލްޑޯ ވަނީ އެންމެ ބޮޑު އާމްދަނީ ހޯދި އެތުލީޓުގެ ޝަރަފާއެކު ރެކޯޑް ފޮތުން ޖާގަ ހޯދާފައެވެ. އެކަމަކު އޭނާއަށް އެންމެފަހުން މިޝަރަފް ލިބުނީ 2017 ވަނަ އަހަރުއެވެ. މިލިސްޓުގެ ދެވަނަ ލިބުނީ ރޮނާލްޑޯގެ ޒަމާންވީ ވާދަވެރިޔާ އާޖެންޓީނާގެ ލިއޮނަލް މެސީއަށެވެ. މެސީއަށް މިއަހަރު އާމްދަނީގެ ގޮތުގައި ލިބުނީ 130 މިލިޔަން ޑޮލަރެވެ. ދުނިޔޭގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާގެ ގޮތުގައި ( 1 ބިލިޔަން ޑޮލަރު، 2 ސީޒަނަށް ) ސައުދީގެ ކްލަބަކުން ހުށަހަޅާފައި ވަނިކޮށް މެސީ އެހުށަހެޅުމަށް ފުރަގަސް ދިނުމަށްފަހު ބަދަލުވީ އެމެރިކާގެ އިންޓަމިއާމީއަށެވެ.

ލިސްޓުގެ ތިންވަނައިގައި 120 މިލިޔަން ޑޮލަރާއެކު އޮތީ ފްރާންސްގެ ފޯވާޑް ކިލިއަން އެމްބައްޕޭއެވެ.