މި ސަރުކާރުން މަޝްރޫއުތައް ހިންގަނީ ދުރު މުސްތަގުބަލަށް ވިސްނައިގެންކަމަށާއި މިސާލެއްގެ ގޮތުން ފެނަކައިގެ އާ އިންޖީނުގެތަކުގެ މަސައްކަތަށް އިޝާރާތް ކުުރައްވައި ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވީ އެ ތަންތަން ދެން ކުރިއަށް އޮތް 30-40 އަހަރުވެސް ހަދަން ނުޖެހޭނެ ކަމަށެވެ.
ރައީސް މިހެން ވިދާޅުވީ މިއަހަރު ސެޕްޓެމްބަރުމަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިންއަށް މުލަކުއަތޮޅު ނާލާފުށްޓަށް ވަޑައިގެން ރައްޔިތުންނާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ކުރީގެ ސަރުކާރުތަކުން އިސްކަމެއް ދިނީ، އެރަށްރަށުން ވޯޓް ލިބޭ، އާބާދީ ބޮޑެތި ރަށްރަށަށް ކަންކަންކޮށް ދިނުމަށް ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
ނަމަވެސް، އެ މަނިކުފާނުގެ ވިސްނުމަކީ ހަމައެކަނި އިންތިހާބު ކާމިޔާބު ކުރުމުގެ ބަދަލުގައި ރައްޔިތުންގެ ދިރިއުޅުން ފަސޭހަކޮށް ދިނުން ކަމަށްވެސް އެ މަނިކުފާނު ވިދާޅުވި އެެވެ.
"ކުރީގެ ސަރުކާރުގެ ސިޔާސަތުގައި ނަމަ 15-20 އަހަރު ފަހުން ތަރައްގީގެ މަޝްރޫއުތައް އަންނާނީ މި ރަށަށް. އަޅުގަނޑުމެން މި ކޯލިޝަނުން ގަބޫލުކުރަނީ ލިބެން ޖެހޭ އަސާސީ ހިދުމަތް ފޯރުކޮށްދޭން ޖެހޭނީ ވަކި ރަށެއް ތަފާތުނުކޮށޭ،" ރައީސް ވިދާޅުވި އެވެ.