އިރާނުގެ ނުފޫޒް ވަރަށް ގަދައަށް އޮންނަ ހަރްމޫޒް ކަނޑު އޮޅިން ދަތުރު ކުރާ ތެޔޮ ޓޭންކަރުތަކުގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރަން ކަމަށް ބުނެ އެމެރިކާއިން އެފް-16 މަރުކާގެ ފައިޓާ ޖެޓް އެސަރަހައްދަށް ފޮނުވަން ނިންމައިފިއެވެ.
އެމެރިކާގެ މިނިންމުން އައިސްފައި މިވަނީ މިދިޔަ ހަފްތާގައި ހަރްމޫޒް ކަނޑުއޮޅިން ދަތުރު ކުރި 3 ތެެޔޮ ޓޭންކަރު ހިފެހެއްޓުމަށް އިރާނުން މަަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވިފައިވާ ދަނޑިވަޅެއްގައެވެ.
އެމެރިކާގެ އަސްކަރިއްޔާގެ އިސް އޮފިޝަލަކާ ހަވާލާދީ އަލްޖަޒީރާއިން ބުނެފައި ވަނީ ގަލްފް ސަރަހައްދަށް ފޮނުވާ އެފް-16 ފައިޓާ ޖެޓުތައް ހަފްތާއެއްހައި ދުވަސްވަންދެން ހަރްމޫޒް ކަނޑުއޮޅީގެ ހަރާކްތައް މޮނިޓަރ ކުރާނެ ކަމަށެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ހާމަ ކޮށްފައިވާ ގޮތުގައި މިދިޔަ ހަފްތާގައި އިރާނުގެ އަސްކަރީ މަނަވަރުތަކުން ވަނީ ހަރްމޫޒް ކަނޑު އޮޅިން ދަތުރު ކުރި 2 މަނަވަރަކަށް ހުރަސް އެޅުމަށް މަސައްކަތް ކޮށްފައެވެ. އެކަމަކު އެކަން އިރާނަށް ކާމިޔާބު ނުވީ އެސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ އެމެރިކާގެ އަސްކަރީ މަނަވަރަކުން ކުރި މަސައްކަތުން ކަމަށް ބުނެފައެވެ.
އެމެރިކާގެ ފައިޓަ ޖެޓްތަކެއް ހަރްމޫޒް ކަނޑުއޮޅި މޮނިޓަރ ކުރުމަށް ފޮނުވުމަށް ނިންމާފައިވާއިރު، ސީރިއާގައި ހަރަކާތްތެރިވާ އެމެރިކާ އާއި ރަޝިޔާ ވައިގެ ސިފައިންގެ މެދުގައި ވަނީ ހިތްހަމަ ނުޖެހުންތަކެއް އުފެދިފައިކަންވެސް ފާހަގަ ކޮށްލެވެއެވެ.