މ. މުލިން ފުރައިގެން މާލެ ދަތުރު ކުރަމުން އައި ސީއެމްބިޔުލާންސަކާއި މާލެއިން ފުރައިގެން ދަތުރުކުރަމުންދިޔަ ލޯންޗެއް ޖެހި ބައެއް މީހުންނަށް އަނިޔާ ވެއްޖެއެވެ. މިހާދިސާ ހިނގާފައި ވަނީ އިތާފުށި ކައިރިންނެވެ.

"މި އެކްސިޑެންޓުގައި ދެ ލޯންޗުގައި ތިބި ބައެއް މީހުންނަށް އެކިވަރުގެ އަނިޔާވެފައި ވުމުން އެމްއެންޑީއެފުން ވަނީ ހަރަކާތްތެރިވާން ފަށައިފައި،" އެމްއެންޑީއެފުން ވިދާޅުވިއެވެ. އެތަނުން ވިދާޅުވީ މިހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިރޭ ދަންވަރު 1:00 އެހައިކަންހާއިރު ކަމަށެވެ.

މި ހާދިސާގައި ސީއެމްބިޔުލާންސުން ދަތުރުކުރި 8 މީހުންގެ ތެރެއިން 2 މީހަކަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ. ލޯންޗުން ދަތުރުކުރީ ދެ މީހުން ކަމަށާއި އޭގެ ތެރެއިން އަނިޔާ ވެފައިވަނީ ކެޕްޓަނަށް ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. އެހެންނަމަވެސް އެމީހުންނަށް ލިބިފައިވާ އަނިޔާގެ އެއްވެސް ތަފްސީލެއް އަދި އެނގިފައެއް ނުވެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެ ހާދިސާ ހިނގި ސަރަހައްދަށް އިތުރު ސީއެމްބިޔުލާންސެއް މިހާރު ދަނީ ދަތުރު ކުރަމުންނެވެ. އަނިޔާ ލިބުނު މީހުންނަށް ފަރުވާ ދިނުމަށް މާލެ ގެނައުމަށްޓަކައި އެމްއެންޑީއެފްގެ އުޅަނދެއް އަންނަނީ ހަރަކާތްތެރިވަމުން ކަމަށް ވެސް އެތަނުން ވިދާޅުވިއެވެ.