މުލަކު އަތޮޅު މަސްވެރިންނަށް އެދޭ ގޮތަށް މިފްކޯގެ މަސްބޯޓެއް މި ސަރަހައްދުގައި ބާއްވަވައި ދެއްވާނެ ކަމަށާއި އަދި މިއަހަރުގެ ތެރޭގައި އޭޓީއެމްގެ ހިދުމަތްވެސް ބަހައްޓާ ރަށްތަކުގެ ތެރޭގައި މުލަކު ހިމެނޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މ. މުލަކުގައި މިރޭ ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކޮޅުފުށި ނާލާފުށި މުލި އަދި މުލަކުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރުއަދާ ކުރަމުން ވާހަކަފުޅު ދައްކަވަން ފެށްޓެވީ 2018ގައި އެމަނިކުފާނު ރައްޔިތުންނާ ބައްދަލުކުރެއްވި "ޖަޒީރާ ރާއްޖޭގެ"ތަސައްވުރުގެ ހަނދާން އާ ކުރައްވަމުންނެވެ.

ރައީސް ވިދާޅުވީ މުލަކަކީ މަސްވެރި ރަށެއް ކަމަށެވެ. އެހެންކަމުން މިފްކޯގެ މަސް ކަލެކްޓިން ސެންޓަރެއް މުލަކުގަައި ހަދަން ވިސްނާފައިވާނެ ކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ / އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް މުލީގައި ވާހަކަފުޅު ދައްކަވަނީ

ރައީސް ވިދާޅުވީ ބަނދަރު އޮތީ ގާތްގަނޑަކަށް ނިމުމަކާ ހިސާބަށް ގޮސްފައި ކަމަށާއި ދެން އޮތީ ފްރީޒިން ކެޕޭސިޓީ އާއި ކޯލްޑް ސްޓޯރޭޖު ގާއިމުކުރުން ކަމަށެވެ. އަދި މިހާރު އެކަންވެސް ވަނީ ޓެންޑާ ކުރެވިފައި ކަމަށާއި ކުރިއަށްއޮތް ތަނުގައި އެ މަސައްކަތުގެ އަމަލީ މަސައްކަތް ފެށޭވަރު ކުރާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އެކަން ނިމެންދެން މަސްވެރިން އެދުނުގޮތަށް މި ސަރަހައްދުން މަސްގަނެވޭނެ ކަލެކްޓިން ވެސަލްއެއް ބޭއްވުމުގެ މަސައްކަތް ފަށާނެ ކަމަށާއި މިފްކޯއަށް އަލަށް އެ ގެންނަ ތިން ބޯޓުގެ ތެރެއިން އެއް ބޯޓު ބާއްވާނީ މި ސަރަހައްދުގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މުލަކުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ބޭނުންވާކަމަށާއި ކުރިއަށްއޮތް ދައުރުގެ މެނިފެސްޓޯގައި މުލަކާއި މުލީގެ ބޯހިޔާވަހިކަމުގެ ތަސައްވަރެއް އެބައޮތް ކަމަށް ރައީސްވަނީ ފާހަގަކުރައްވާފައެވެ. އެ ދެ ރަށުގެ ރައްޔިތުން އެދޭގޮތަށް މުލީގެ ބޯހިޔާވަހިކަމަށް ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މުލަކުގެ ރައްޔިތުން ބޭނުންވާ ކަންތައްތަކެއް އަދިވެސް އެބަހުރި ކަމަށާއި އޭގެތެރޭގައި ރައްޔިތުން ބޭނުންވާ އޭޓީއެމް ބެހެއްޓުމަށްޓަކައި އެންމެ އަވަހަށް އޭޓީއެމް ބަހައްޓާ ރަށްތަކުގެ ތެރޭގައި މުލައް ހިމެނިގެންދާނެހެން، މިއަހަރުގެ ތެރޭގައި އޭޓީއެމްގެ ހިދުމަތް މުލަކުގެ ރައްޔިތުންނަށް ލިބޭގޮތް ހަދައިދެވޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މުލަކު މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ އިރުގައި މިހާރު ޕްލޭންކޮށްފައި އޮތީ އިތުރަށް ނުހެދި ހުރި މަގުތައް ވެސް މީގެ ތެރެއަށް ހިމަނައިގެން މުޅި ރަށުގެ ހުރިހާ މަގުތަކެއް ހަދައި ނިންމައިދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.