މޫނެއްގެ ޗާލުކަމާއި ރީތިކަމުގެ އެންމެ ބޮޑު އެއްދައުރު އަދާކުރަނީ ދަތްޕިލަކަން ޔަގީނެވެ. ހީނލުމުން އެފެންނަ ސާފު ރީތި ދަތްތަކުން މީހާގެ ސާފުތާހިރުކަން ހާމަކޮށްދީ އަދި މުޅި މޫނު ނަލަކޮށްދެއެވެ. ދަތަކީ ހާއްސަ ސަމާލުކަމެއްދޭން ޖެހޭ ބައެއްކަން ޔަގީނެވެ.

މޫނަށް ތިދޭ ފަރުވާ، އަގުބޮޑު ސާމާނުން ހަދާ ފޭޝަލްތައް، ސެލޫންތަކަށް ބޮޑު އަގުދީގެން ދޭ ފަރުވާ ހަމަ ދަތްޕިއަށްވެސް ދޭން ވާނެއެވެ. އެއީ މޫނުގެ ރީތިކަމުގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ބައި ހިފަހައްޓައިދޭ ބައެކެވެ. ހީނލާއިރު ހަޑި ދަތްތަކެއް ފެނިއްޖެނަަމަ ކިތަންމެ ރީތި، ފުރިހަމަ މޫނު މުޅިން ހަޑިވީއެވެ.

ދަތްއުނގުޅައި ފްލޮސް އިން ސާފުކުރުމުން ކޮބަޑި ޖަމާވެ ބެކްޓީރިއާ ގިނަވުން ހުއްޓުވަން މަސައްކަތް ކުރަން ޖެހޭނެއެވެ. ހަމަހުން އެއްފަހަރު ނަމަވެސް ދަތުގެ ޑޮކްޓަރަކާ ބައްދަލުކޮށް ޑޮކްޓަރަށް ދައްކަން ވާނެއެވެ. ދަތުގައި ރިއްސާ ދެން ކެތް ނުވާ ހިސާބަށް ދިއުމުން ޑޮކްޓަރަށް ދިއުމުގެ އުސޫލު ދޫކޮށްލާށެވެ.

ދުޅަހެޔޮ ދަތްތަކެއް ހުރުމަށްޓަކައި އަނގައިގައި ހުންނަ ދަތުގެ ބެކްޓީރިއާ ނައްތާލަން ޖެހެނީ އަނގަ ދޮވެ ދަތް އުނގުޅައިގެންނެވެ. ދުޅަހެޔޮ ރީތި އަދި އެހާމެ ސާފުއޮފްއަރާ ދަތްޕިލައެއް، ލޮނާއި މާމުއިން ދަތްއުނގުޅުމުން ލިބިދާނެކަން އެނގޭހެއްޔެވެ. އާއެކެވެ.

ލޮނާއި މާމުއި އެއްކޮށްގެން ދަތް އުނގުޅުން، ދަތް އުނގުޅާ މަޑު ރައްކާތެރި ބުރުހެއް ބޭނުންކުރުން، ދަތްއުނގުޅާ 'ފްލޮސް' ބޭނުންކުރުން، މިއީ ހައްތާވެސް ދަތްތަކަށް ބޭނުންވާ ފަރުވާތަކެވެ.