ތަފާތު އެކި ނަންނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވަމުންދާތީ ސަމާލުވުމަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުންބުނީ އެކި ވިޔަފާރިތަކާއި ކުންފުނިތަކާ އަދި ތަފާތު އެކި ނަންނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަށް މިހާރަކަށް އައިސް ފުލުހުންނަށް ހުށަހެޅޭ މިންވަރު ދަނީ އިތުރުވަމުންދާ ކަމަށެެވެ.

އެގޮތުން، މަކަރާއި ހީލަތުން ފައިސާ ހޯދުމަށްޓަކައި ފޭސްބުކް، އިންސްޓަރގްރާމް ނުވަތަ މިނޫނަސް ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ތަފާތު ޕޭޖުތައް ހަދައި ޕޯސްޓުތައް ދަނީ ޝެއަރ ކުރަމުންނެވެ. އަދި އެކިކަހަލަ މުދާ އޮންލައިންކޮށް ވިއްކުމުގައިވެސް މަކަރާއި ހީލަތުން ފައިސާ އަތުލާ މައްސަލަތައް މިޚިދުމަތަށް ދަނީ ހުށަހެޅެމުން ކަމަށާއި އެކި މީހުންނަށް ގުޅައި ދަންނަ ރަހުމަތްތެރިއެއްކަމަށް ހެދިގެން، ހީލަތްތެރިޔާގެ އާއިލާ މީހަކު ނުވަތަ ރައްޓެއްސަކު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން އުޅޭކަމަށާއި ހޮސްޕިޓަލުން ޑިސްޗާޖު ކުރުމަށްޓަކައި ވަރަށް އަވަހަށް ފައިސާ ދައްކަން ޖެހޭކަމަށް ބުނެ އަނބުރާ ދައްކާގޮތަށް ފައިސާ ދިނުމަށް އެދޭ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފޮޓޯ:ޕޮލިސް

އަދި ހީލަތްތެރިޔާގެ އަތުގައި ހުރީ، ބެންކު އޮފް މޯލްޑިވްސް ނޫން އެހެން ބެންކެއްގެ އެކައުންޓެއްގައި ހުރި ޔޫއެސް ޑޮލަރު ކަމަށާއި، އެ ބެންކު މެދުވެރިކޮށް ފައިސާ ފޮނުވިކަން ދެއްކުމުގެ ގޮތުން ފައިސާ ޓްރާންސްފަރ ކުރިކަމުގެ ސައްހަނޫން ސްލިޕް ފޮނުވުމަށް ފަހު މަކަރާއި ހީލަތުން ފައިސާ ހޯދާކަން ފުލުހުންނަށް ވަނީ ފާހަގަކުރެވިފައި ކަމަށާއި އަދި މި މިނޫނަސް އެކި ކަލަހަ ވާހަކަތައް ދައްކައިގެން އެކިއެކި ގޮތްގޮތަށް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަންވެސް ފާހަގަކުރެވިފައިވާ ކަމަށްވެސް އެފަރާތުން ބުންޏެވެ.

އަދި ފުލުހުން ވަނީ މަކަރާއި ހީލަތުގެ މިފަދަ ކޯލުތަކަށް ސަމާލުވެ ރައްކާތެރިވުމަށާއި، އޮންލައިންކޮށް ތަކެތި ގަންނަ އިރުވެސް އެ ވިޔަފާރި ކުރެވެނީ ރަނގަޅު ބައެއްގެ އަތުންތޯ ކަށަވަރު ކުރުމަށާ އަދި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ އެކިކަހަލަ މައްސަލަތަކުން ރައްކާތެރިވުމަށް އިލްތިމާސް ކޮށްފައެވެ.