ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީއެލް) އެޕްގެ ޑިޖިޓަލް ސިސްޓަމްއާއި ބެހޭގޮތުން ހަގީގަތް އޮޅެމުންދާ ގޮތަށް ފަތުރަމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއްކަމަށް އެމްޓީސީސީން ބުނެފިއެވެ.

އާރް.ޓީއެލް ހިދުމަތް ފެށުނީއްސުރ،ެ މި ހިދުމަތް އިތުރަށް ހަރުދަނާކޮށް ރަނގަޅު ކުރުމަށްޓަކައި އެކިއެކިފަރާތްތަކުން ލިބެމުންދާ ހިޔާލުތަކާއި މަޢުލޫމާތުތަކަށް އެމްޓީސީސީން އަބަދުވެސް ރިއާޔަތް ކުރާ ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި އާރް.ޓީއެލް އެޕްގައި ސެކިޔުރިޓީ ވަލްނަރަބިލިޓީއެއް އުޅޭކަމުގެ ރިޕޯޓް ޖުލައި މަހުގެ ކުރީކޮޅު ލިބިފައިވާކަމަށްވެސް އެމްޓީސީސީން ބުންޏެވެ.

މީގެއިތުރުން ބުނީ މި މަސައްކަތުގެ އިތުރަށް ބަލަން ޖެހޭކަންކަން ބެލުމަށްފަހު، ބޭނުންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި މިކަންވާނީ ވަގުތުން ހައްލުކޮށްފައިކަމަށެވެ. އަދި ސިސްޓަމް ސެކިޔުރިޓީ އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތްތައްވެސް ކުރިއެރުންތަކެއް ގެނައުމުގެ މަސައްކަތް ކުރާކަމަށް އެމްޓީސީސީން ހާމަކުރެއެވެ.

އެއްވެސް ކަސްޓަމަރެއްގެ ބޭންކު ކާޑުގެ މަޢުލޫމާތު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ނެގޭފަދަ މަޢުލޫމާތެއް މި ކުންފުނީގެ ސިސްޓަމްތަކުގައި ރައްކާކުރެވިފައި ނުހުންނާނެކަމުގެ ޔަޤީންކަން އެމްޓީސީސީން ވަނީ ދީފައެވެ. އަދި އެ ކުންފުނިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިނ،ް ކަސްޓަމަރުންގެ ބޭންކިންގ މަޢުލޫމާތު ސެކުޔަރ ޕޭމަންޓްއެއް ހަދަން ބޭނުންވާ މިންވަރަށް އަދި މިންގަނޑަށް މެނުވީ ރައްކާ ކޮށްފައި ނުބަހައްޓާވކަމަށްވެސް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

އާރްޓީއެލް ސިސްޓަމްގައި ބޭންކު ކާޑު ބޭނުން ކުރެވޭނީ ޕާޓްނަރިން ބޭންކުގެ ސެކިޔުރިޓީ އުސޫލުތަކާއެކު އެއްގޮތަށް ކަމުގައިވެސް ދަންނަވަމެވެ. އަދ،ި އާރްޓީއެލް ސިސްޓަމްގައިކާޑު ޓްރާންސެކްޝަން ހެދުމަށް ބޭނުންކުރާ ޑިޖިޓަލް އާލަތްތަކަކީވެސް ބައިނަލްއަޤްވާމީ ޕޭމަންޓް ކާޑު އިންޑަސްޓްރީގެ ސްޓޭންޑަޑްއަށް ސާޓިފައި ކޮށްފައިވާ ވަސީލަތްތަކެއްކަމުގައިވެސް އެމްޓީސީން ވަނީ ބުނެފައެވެ. އަދި ބުނީ ފައިސާ ބަލައިގަތުމަށްވެސް މި ކުންފުނިން ބޭނުންކުރަމުން މިދަނީ ބޭންކް އޮފް މޯލްޑިވްސްގެ ޕޭމަންޓްގޭޓްވޭކަމަށެވެ.އެހެންވެ ކަސްޓަމަރުންގެ ހުރިހާ ބޭންކިން މަޢުލޫމާތެއް ހިއްސާކުރާނީވެސް ބީއެމްއެލްގެ ސެކުޔަރ ޕްލެޓްފޯރމްގައިކަމަށެވެ.

މީގެއިތުރުން އެމްޓީސީސީން ބުނީ އާރްޓީއެލް އެޕް ބޭނުންކޮށްގެން ފައިސާ ދެއްކުމުގައި ކަސްޓަމަރުން ބޭނުންކުރާ އެއްވެސް ބޭންކިން މަޢުލޫމާތެއް އެ ކުންފުނީގެ ސިސްޓަމްގައި ރައްކާކުރެވިފައި ނުހުންނާނެ ކަމަށެވެ.

އެމްޓީސީސީއަކީ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި އެތަކެއް ލުއި ފަސޭހަތަކެއް ފޯރުކޮށްދޭ ކުންފުންޏެވެ.