ދަނޑުމަތީގައި ހެދޭ ބޮޑެތި މިސްޓޭކްތަކުގެ ސަބަބުން ގިނަ ފާޑު ކިޔުންތަކެއް އަމާޒުވެފައިވާ ޑިފެންޑަރު ހެރީ މަގުއޭ އަތުން ކެޕްޓަން ބޭންޑް އަތުލިކަން މެންޗެސްޓަރ ޔުނައިޓެޑުން ރޭ އިއުލާން ކޮށްފިއެވެ.
ޔުނައިޓެޑުން ބުނީ ކެޕްޓަނެއްގެ ގޮތުގައި މަގުއޭ ޔުނައިޓެޑަށް ކޮށްދިން ކަންކަމުގެ އަގުވަޒަން ކުރާކަމަށާއި ކޯޗް އެރިކް ޓެންހާގް މިހާރު މަސައްކަތް ކުރަމުންދަނީ އައު ކެޕްޓަނެއް ހަމަޖެއްސުމުގެ މަސައްކަތް ކަމަށެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރު ގޮތުގައި 2019 ވަނަ އަހަރު ލެސްޓަރ ސިޓީއިން މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވި މަގުއޭއަށް ކެޕްޓަން ބޭންޑް ދިނީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު އޭރުގެ ކޯޗް އޮލެގުނަރ ސޯލްޝެއާއެވެ.
2019-2020 ސީޒަނަކީ ޔުނައިޓެޑުގައި މަގުއޭ ހޭދަކުރި އެންމެ ކާމިޔާބު ސީޒަނެވެ. އެސީޒަނުގައި ޔުނައިޓެޑުން ޕްރިމިއަރ ލީގުގައި ކުޅުނު ކޮންމެ މެޗެއްގައި ފުލްކޮށް މަގުއޭ ކުޅުނެވެ. އެއީ 1995 ވަނަ އަހަރަށްފަހު ޔުނައިޓެޑަށް ކުޅުނު އެއްވެސް ކުޅުންތެރިޔަކަށް ކުރެވިފައިވާ ކަމެއް ނޫނެވެ. އެސީޒަން ޔުނައިޓެޑުން ނިންމާލީ ލީގުގެ 3 ވަނައިގައި އޮވެގެންނެވެ.
އިނގިރޭސި ބައެއް މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުގައި ޔުނައިޓެޑުން ހަމައެކަނި މަގުއޭ އަތުން ކެޕްޓަން ބޭންޑް އަތުލީކީ ނޫނެވެ. އޭގެ އިތުރަށް އޭނާ ވެސްޓްހޭމް ޔުނައިޓެޑަށް ވިއްކާލުމަށް ޔުނައިޓެޑުން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.