ގދ.މަޑަވެލި ހޯޑެއްދޫ ކޯޒްވޭ ހެދުމުގެ މަޝްރޫއުގެ ދަށުން، ހޯޑެއްދޫ އިން ކަންނަގިއްލާއަށް ގުޅާލާ ބްރިޖްގެ ޕައިލިންގް މަސައްކަތުގެ 95 ޕަސެންޓް ނިމިއްޖެކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

މީގެއިތުރުން އެމްޓީސީސީން ބުނީ ބްރިޖްގެ ޕައިލް ކެޕް ކޮންކްރީޓް މަސައްކަތްތައް މިއަންނަ ހަފުތާތެރޭގައި ފެށުމަށް ހަމަޖެހިފައިވާކަމަށެވެ.

މި މަޝްރޫއުގެ ދަށުން 260 މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ކޯޒްވޭގެ 2544 ކިއުބިކް މީޓަރުގެ ސެގްމެންޓް ކޮންކްރީޓް މަސައްކަތް ކުރުމާއި، 285 ސްޕަން ޕައިލް ހަރުކުރުމާއި، 4596 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމުގެ މަސައްކަތް ކުރަން ވަނީ ނިންމާފައެވެ.

އަދި މީގެ އިތުރުން، 1378 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، އެޕްރޯޗް ރޯޑުގެ 3144 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް ހެދުމާއި ތާރު އެޅުމާއި، ރެއިލިންގ، މަގުބައްތި އަދި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ހިމެނެއެވެ.

މި މަޝްރޫއަކީ 79.4 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.