ޝަރަފްވެރި ވިމްބަލްޑަން ޓެނިސް މުބާރާތުގެ ފައިނަލުގައި ރޭ ސާބިއާގެ މަޝްހޫރު ނޮވަކް ޖޯކޮވިޗް ބަލިކޮށް ސްޕެއިނުގެ ޒުވާން ކުޅުންތެރިޔާ ކާލޯޒް އަލްކަރޭޒް ތަށި އުފުލާލައިފިއެވެ.
މިއީ އިސްކޮޅުގައި 6 ފޫޓް ހުންނަ އަދި އުމުރުން އެންމެ 20 އަހަރުގެ އަލްކަރޭޒް ވިމްބަލްޑަންގެ ތަށި ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.
ފޯރިގަދަ ފައިނަލުގެ ފުރަތަމަ ސެޓް ޖޯކޮވިޗް ކާމިޔާބު ކުރީ 1-6 އިިންނެވެ. އެކަމަކު ޖެހިގެން އައި ދެސެޓް އަލްކަރޭޒް ކާމިޔާބުކޮށް ތަށީގެ އުއްމީދު ބޮޑު ކުރިއެވެ. އެއީ 7-6 އަދި 6-1 އިންނެވެ. މެޗުގެ ފޯރިގަދަވީ ހަތަރުވަނަ ސެޓް 3-6 އިން ޖޯކޮވިޗް ކާމިޔާބު ކުރުމުންނެވެ. ޓެނިހުގެ އުނދަރެހުން އަލްކަރޭޒްގެ ތަރި އެރީ، ނޭވާ ހިފަހައްޓާލަން ޖެހުނު ފަސްވަނަ ސެޓް 6-4 އިން ކާމިޔާބު ކުރުމުންނެވެ.
ވިމްބަލްޑަން ކާމިޔާބު ކުރުމުން ފައިސާގެ އިނާމުގެ ގޮތުގައި އަލްކަރޭޒަށް 2.7 މިލިޔަން ޑޮލަރު ލިބޭނެއެވެ. ރަނައަޕް ޖޯކޮވިޗަށް 1.3 މިލިޔަން ޑޮލަރު ލިބޭނެއެވެ.
މިދިޔަ އަހަރު ޔޫއެސް އޯޕަން ކާމިޔާބުކޮށް އަހަރު ނިމުނުއިރު ޓެނިހުގެ ރޭންކިންގެ އެއްވަނަ ހޯދައި ރޭންކިނެގް އެއްވަނަ ހޯދި އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފް އޮތް އަލްކަރޭޒް ވިމްބަލްޑަން ކާމިޔާބު ކުރުމާއެކު ފާއިތުވެދިޔަ 20 އަހަރު ޖޯކޮވިޗާއި ރަފޭލް ނަޑާލް އަދި ރޮޖާ ފެޑެރާ ޓެނިހުގެ ދުނިޔޭގައި ކުރަމުން އައި ރަސްކަން ނިމުމަކަށް އައީއެވެ.
ޖޯކޮވިޗަށް ބަލާއިރު އޭނާއަކީ ވިމްބަލްޑަންގެ މިދިޔަ 4 އަހަރުގެ ޗެމްޕިއަނުންނެވެ. މިފަހަރު މުބާރާތަށް އޭނާ ކުރިމަތިލީ ޖެހިޖެހިގެން 5 ވަނަ ފަހަރަށް ތަށި އުފުލާލުމަށެވެ.
ފައިނަލް މެޗަށްފަހު ފެންކަޅިވެފައި ހުރެ ޖޯކޮވިޗް ބުނީ މޮޅުވުމާއި ވަރަށް ކައިރީގައި ވަނިކޮށް، ބަލިވުމުން ހިތްދަތިވެފައި ހުރި ކަމަށެވެ. "ތަށްޓާ އެހާ ކައިރިއަށް ގޮސްފައި ބަލިވުމުން ގަބޫލް ކުރަންވެސް އުނދަގޫ. މޮޅު ކުޅުންތެރިއެއް އަތުން ބަލި މިވީ. އޭނާ (އަލްކަރޭޒް) ހޯދި ކާމިޔާބީއަށް މަރުޚަބާ ކިޔަން. އަހަންނަަށް އޮތީ އާހިތްވަރަކާއެކު އަލުން ފަށައިގަތުން" ޖޯކޮވިޗް ބުންޏެވެ.