މި އަޟްހާ އީދު ދުވަހު ފަތިހު އެކްސިޑެންޓެއްވި ގައުމީ ޔުނިވަސިޓީގެ ލެކްޗަރާ އަލީ ހަފީޒު ހޮސްޕިޓަލަށް ގެންދަން އެހީތެރިވި މީހުން ހޯދުމަށް ފުލުހުން މިއަދު އިއުލާނުކޮށްފި އެވެ.

ފުލުހުން ބުނީ، އެ މީހުން ހޯދަނީ އެ އެކްސިޑެންޓުގެ ތަހުގީގަށް މައުލޫމާތު ސާފުކުރުމަށް ކަމަށެވެ.

އުމުރުން ފަންސާހަކަށް އަހަރުގެ ހަފީޒުގެ ގައިގާ، ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހުނީ އަޟްހާއީދު ދުވަހު ފަތިސް ނަމާދުކޮށްގެން މިސްކިތުން މަގުމައްޗަށް ނުކުތް ވަގުތެވެ. އެ އެކްސިޑެންޓުގައި ބޮޑެތި އަނިޔާތަކެއް ހަފީޒަށް ލިބުނެވެ. ރާއްޖޭން ބޭރަށް ގެންދަން ދެން ވެސް ފަރުވާ ދެމުން ދިޔައީ އައިސީޔޫގައި، ވެންޓިލޭޓަރުގައެވެ. ހަފީޒު އިންޑިއާއަށް ފުރުވާލީ އާއްމުންނާއި ރަހުމަތްތެރިން އަދި ސަރުކާރުގެ ހަރަދުގައި، އެއާ އެމްބިއުލާންސެއްގަ އެވެ.

ފުލުހުން މިއަދު ވަނީ ހަފީޒަށް އެހީތެރިވި މީހުން ނުވަތަ އެ މީހުންނާ ގުޅޭ މައުލޫމާތު އެނގޭ ފަރާތެއްވާ ނަމަ، ގަލޮޅު ޕޮލިސް ސްޓޭޝަނަަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.

ގަލޮޅު ޕޮލިސް ސްޓޭޝަންގެ ނަންބަރު: 9631696

ހަފީޒު އެކްސިޑެންޓުވި ސައިކަލު ދުއްވި ފިރިހެންމީހާ ވަނީ ކޯޓު އަމުރަކަށް ހައްޔަރުކޮށް މުއްދަތުކޮމިޓީއިން ފަނަރަދުވަސް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. އަދި މިޒުވާނާގެ އަތުގައި ލައިސަންސްނެތްކަމަށް ފުލުހުން ބުނެފައިވާއިރު އޭނާގެ ފަރާތުން ކޯޓުގައި ވަކީލުވަނީ ކަފާލާތަށް ދޫކޮށްލުމަށްވެސް އެދިފައެވެ. ނަމަވެސް އޭނާއަށް މުއްދަތުޖަހާފައި ވަނީ މުޖުތަމައަށް ނުރަައްކާވެދާނެތީ ކަމަށް ބުނެއެވެ.