ކުވައިތު ސިޓީ: ސައުދީ އަރަބިއްޔާއަށް ފުރައްސާރަކުރި ކުވައިތުގެ ސޯޝިއަލް މީޑިޔާ (ޓްވިޓާގައި) އެކްޓިވިސްޓަކާ ދެކޮޅަށް ކުވައިތުގެ ސަލާމަތީ އިދާރާތަކުން ޤާނޫނީ ފިޔަވަޅު އަޅަން ނިންމައިފިއެވެ.

މިކަމާ ގުޅޭ ގޮތުން ކުވައިތުގެ މިނިސްޓްރީ އޮފް އިންޓީރިއާގެ ޖެނެރަލް ޑިރެކްޓަރޭޓް އޮފް ސެކިއުރިޓީ ރިލޭޝަންސް އެންޑް މީޑިއާ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ސައުދީ އަރަބިއްޔާ އާއި ކުވައިތުގެ ގުޅުމަށް ގެއްލުން ދޭން މަސައްކަތް ކުރާ ކޮންމެ މީހަކާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

މިނޫސްބަޔާނުގައި އިތުރަށް ބުނެފައި ވަނީ އެއްބަނޑު އެއްބަފާ ގައުމުތަކުގެ ގުޅުމަށް ހުރަސް އެޅޭ އެއްވެސް އެއްޗެއް ސޯޝިއަލް މީޑިޔާގައިވެސް އަދި އެހެން ޕްލެޓް ފޯމެއްގައިވެސް ޝާއިއު ނުކުރުމަށް ކުވައިތުގެ ރައްޔިތުންނަށް ގޮވާލާފައެވެ.

ކުވައިތު ފާހަގަ ކުރެވެނީ އަރަބި އިސްލާމީ ގައުމުތަކުގެ ގުޅުންތައް ދެމެހެއްޓުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާ ގައުމެއްގެ ގޮތުގައެވެ. ވަކިން ހާއްސަކޮށް ކީރިތި ޤުރުޢާނަށް ފުރައްސާރަ ކުރާ ގައުމުތަކާ ދެކޮޅަށް ވަރަށް ކެރުންތެރިކަމާއެކު ފިޔަވަޅު އަޅާ ގައުމެއްގެ ގޮތުގައި ކުވައިތު ދަނީ ފާހަގަ ކުރެވެމުންނެވެ.