ލޯކަލް ކައުންސިލް އިންތިހާބު ވީހާވެސް އަވަހަށް ބޭއްވުން ވަރަށް މުހިއްމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވެފައިމިވަނީ ކޮވިޑް-19އާ ގުޅިގެން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރުމުން ލޯކަލް ކައުންސިލް އިންތިޚާބު މާޗު މަހުގައި ނުބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން ނަޝީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކައުންސިލް އިންތިހާބު ވީހާވެސް އަވަހަށް ބޭއްވުން ވަރަށް މުހިއްމު ކަމަށާއި މިކަން ކުރުމަށް ގާނޫނަށް ބަދަލު ގެންނަން ޖެހޭނަމަ އެކަން ވެސް ކުރުން މުހިއްމު ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ކައުންސިލް އިންތިޚާބު ބޭއްވުމަށެވެ. ނަމަވެސް ކޮވިޑާ ގުޅިގެން އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން އެ އިންތިހާބު ވަނީ މިއަހަރަށް ފަސްކޮށްފަ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދިގުދަންމާލުމާއި ގުޅިގެން ކުރިން ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު މާޗު މަހުގެ ހަވަނަ ދުވަހު ދެން ނުބޭއްވޭނެ ކަމަށެވެ.
ކޮވިޑް-19 ފެތުރެމުން ދާތީ ރާއްޖޭގައި އިއުލާންކޮށްފައި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރު އެއް މަހަށް އިތުުރު ކުރަން ނިންމީ މިއަދު އެވެ.