ވ. ރަކީދޫ ސްކޫލުގެ ކިޔެވުން ވަރަށް އަވަހަށް ފެށޭނެ ކަމަށާއި އުއްމީދަކީ ރަށު ރައްޔިތުން އެނބުރި އައުމުގެ ރޫހު އުފެދުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސާލިހް މިހެން ވިދާޅުވީ ވ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރަކީދުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ރަކީދޫގެ ދަރިވަރުންނަށް މަގުފަހިކުރުމުގެ ގޮތުން އެރަށުގައި ހަދާ ސްކޫލް އިމާރާތުގެ މަސައްކަތް ނިމި މިހާރު ހުޅުވަން ކައިރިވެފައިވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އެ މަނިކުފާނު ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީއާ މަޝްވަރާކޮށް ރަކީދޫ ސްކޫލަށް ބޭނުންވާ ޓީޗަރުންނާއި މުވައްޒަފުން ހޯދައި ރަކީދޫގައި ސެޓެލައިޓް ސްކޫލެއްގެ ހިދުމަތް ދާދި އަވަހަށް ފެށިގެންދާނެ ކަމަށެވެ.
"އަޅުގަނޑުގެ އުއްމީދު ކުރަނީ މި ގެނެވޭ ބަދަލުތަކާއެކީގައި މި ރަށުގެ އާބާދީ މަޑުމަޑުން އިތުރުވެ މިރަށުގެ އުފަން ރައްޔިތުން ރަށަށް އެނބުރި އައުމުގެ ވިސްނުމެއް ރޫހެއް އުފެދިގެން އަންނާނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.
ރަކީދޫ ސްކޫލަކީ އެ ރަށު އާބާދީ މަދުވުމުގެ ސަބަބުން ސެޓެލައިޓް މަފުހޫމުގެ ދަށުން ކިޔަވައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާ ސްކޫ ސެޓެލައިޓް ޕްރޮގުރާމަކީ އާބާދީ މަދުވެ، ސުކޫލުގައި ކިޔަވާ އުމުރުގެ ކުދިން މަދުވެ ސުކޫލު ނެތް ރަށްރަށުގެ ދަރިވަރުން ކަނޑު ހުރަސްކޮށް އެހެން ރަށްތަކަށް ސްކޫލަށް ދާންޖެހޭ ދިއުން ނިމުމަކަށް ގެނައުމަށް ސަރުކާރުން ފެށި ޕްރޮގުރާމެކެވެ.
މި ޕްރޮގުރާމުގެ ދަށުން ބ. ފެހެންދޫއާއި ވ. ތިނަދޫގައި މިދިޔަ އަހަރު ކިޔަވައިދޭން ފެށި ނަމަވެސް ރަކީދޫ ސްކޫލުގައި ކިޔެވެން އޭރު ނުފަށާ އޮތީ އެ ރަށު ސްކޫލް އިމާރާތުގެ މަސައްކަތް ނުނިމޭތީއެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން މިދިޔަ އަހަރު ކުރިއަށްގެންދިޔަ ބޯހިމެނުމުގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި މި ވަގުތު އެންމެ މަދުން މީހުން އުޅޭ ރަށުގެ ގޮތުގައި އޮތީ ރަކީދޫއެވެ. އެ ރަށުގައި 63 ދިވެހިން އުޅޭ އިރު، ދެވަނައަށް އެންމެ މަދުން ދިވެހިން ދިރިއުޅެނީ އެ އަތޮޅު ތިނަދޫގައެވެ. ތިނަދޫގައި ދިރިއުޅޭ ދިވެހިންގެ އަދަދަކީ 75 އެވެ.