މި އަޟްހާ އީދު ދުވަހު 28 ޖޫން 2023 ވަނަ ދުވަހުގެ ފަތިހު މަޖީދީމަގު ރެޑްވޭވްއާ ހިސާބުގައި، ހިނގި އެކްސިޑެންޓުގައި އަނިޔާވި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ސީނިއާ ލެކްޗަރާ އަލީ ހަފީޒު، ވެންޓިލޭޓަރުން ނަގައިފިއެވެ.
އެކްސިޑެންޓުވި ދުވަހުން ފެށިގެން ހަފީޒަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައެވެ. އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މިމަހުގެ ހަތަރުވަނަ ދުވަހު އޭނާ ވަނީ އިންޑިއާގެ ކޮޗިންއަށް ފުރުވާލައިފައެވެ.
ހަފީޒަށް ވަނީ ގިނަ ދުވަސްތަކަށް ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށްފަހު، ވެންޓިލޭޓަރުން ނަގައިފައެވެ. އަދި މިހާރު ފަރުވާ ދެމުންދަނީ އެޗްޑީޔޫގައިކަމަށް އަދި ހަފީޒުގެ ހާލު މިހާރު ކުރިއަށްވުރެ ރަނގަޅު ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
ހަފީޒު އެކްސިޑެންޓުވި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ފުލުހުން އިއްޔެ ވަނީ ހަފީޒަށް އެހީތެރިވި މީހުން ނުވަތަ އެ މީހުންނާ ގުޅޭ މައުލޫމާތު އެނގޭ ފަރާތެއްވާ ނަމަ، ގަލޮޅު ޕޮލިސް ސްޓޭޝަނަަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ވެސް އެދިފައެވެ.
އުމުރުން ފަންސާހަކަށް އަހަރުގެ ހަފީޒުގެ ގައިގާ، ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހުނީ އަޟްހާއީދު ދުވަހު ފަތިސް ނަމާދުކޮށްގެން މިސްކިތުން މަގުމައްޗަށް ނުކުތް ވަގުތެވެ. އެ އެކްސިޑެންޓުގައި ބޮޑެތި އަނިޔާތަކެއް ހަފީޒަށް ލިބުނެވެ. ރާއްޖޭން ބޭރަށް ގެންދަން ދެން ވެސް ފަރުވާ ދެމުން ދިޔައީ އައިސީޔޫގައި، ވެންޓިލޭޓަރުގައެވެ. ހަފީޒު އިންޑިއާއަށް ފުރުވާލީ އާއްމުންނާއި ރަހުމަތްތެރިން އަދި ސަރުކާރުގެ ހަރަދުގައި، އެއާ އެމްބިއުލާންސެއްގަ އެވެ.
ފުލުހުން އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. އިނގުރައިދޫ، ލެގޫން ވިއު، 22 އަހަރުގެ ޝަމްއާން އަބްދުއްޝުކޫރުއެވެ. ޝަމްއާންގެ މައްޗަށް ކުރަނީ އެކްސިޑެންޓުގެ ތުހުމަތެވެ. ޝަމްއާން ވަނީ ކޯޓު އަމުރަކަށް ހައްޔަރުކޮށް، ކްރިމިނަލްކޯޓުގެ މުއްދަތުކޮމިޓީއިން، މިމަހުގެ ހަތަރުވަނަ ދުވަހު ފަނަރަދުވަސް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
މިޒުވާނާގެ އަތުގައި ލައިސަންސްނެތްކަމަށް ފުލުހުން ބުނެފައިވާއިރު އޭނާގެ ފަރާތުން ކޯޓުގައި ވަކީލުވަނީ ހަފީޒަށް އަނިޔާވިކަމަށް ޝަމްއާން އިންކާރު ނުކުރާ ކަމަށާއި ހަފީޒަށް އަނިޔާވީ ކަފިހި ހުރަސްމަތިން ހުރަސް ކުރަނިކޮށް ނޫންކަމަށް ވިދާޅުވައި، ކަފާލާތަށް ދޫކޮށްލުމަށްވެސް އެދިފައެވެ. ނަމަވެސް އޭނާއަށް މުއްދަތުޖަހާފައި ވަނީ މުޖުތަމައަށް ނުރަައްކާވެދާނެތީ ކަމަށް ބުނެއެވެ.