އަންހެނުންގެ ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިމަހުގެ 24 ވަނަ ދުވަހު ޖަރުމަނާ ދެކޮޅަށް މޮރޮކޯ ކުޅޭ މެޗުގައި ބުރުގާ އަޅައިގެން ކުޅެވޭނެ ކަމަށް ފީފާއިން ނިންމުމުން، އަންހެނުންގެ ވަރލްޑް ކަޕުގެ ތާރިހުގައި ބުރުގާ އަޅައިގެން ކުޅޭ ފުރަތަމަ ކުޅުންތެރިޔަކަށް ވެގެންދާނީ މޮރޮކޯގެ ޑިފެންޑަރު ނުހައިލާ ބެންޒީނާކަން ކަށަވަރުވެއްޖެއެވެ.

ވަރލްޑް ކަޕުގައި ބުރުގާ އަޅައިގެން ކުޅުން ފީފާއިން މަނާ ކުރީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ 2007 ވަނަ އަހަރުއެވެ.

ބުރުގާ އަޅައިގެން މިފަހަރުގެ ވަރލްޑް ކަޕުގައި ކުޅެވޭނެ ކަމަށް ފީފާއިން ނިންމީ ޔޫރަޕުގެ ނުފޫޒުގަދަ ފްރާންސުން އެކަމާ ދެކޮޅަށް ވަރަށް ބޮޑަށް ވަކާލާތު ކުރަމުން ދަނިކޮށްކަން ފާހަގަ ކޮށްލެވެއެވެ.

މިފަހަރުގެ އަންހެނުންގެ ވަރލްޑް ކަޕުގައި 32 ގައުމަކުން ޖުމްލަ 736 ކުޅުންތެރިން ވާދަކުރާއިރު، ބުރުގާ އެޅި ކުޅުންތެރިޔަކަށް ހުންނާނީ އުމުރުން 25 އަހަރުގެ ބެންޒީނާ އެކަންޏެވެ. މިއީ ފުޓްބޯޅައިން ކުރިޔަށް ދިޔުމުގެ އަޒުމުގައި ތިބި މުސްލިމް އަންހެން ކުޅުންތެރިންނަށް ލިބޭނެ ބޮޑު ހިތްވަރަކަށް ވެގެންދާނެއެވެ.

މިއީ މޮރޮކޯއިން އަންހެނުންގެ ވަރލްޑް ކަޕުގެ ތާރިހުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ވަރލްޑް ކަޕުގައި ވާދަކުރާ ފުރަތަމަ ފަހަރުވެސް ބުރުގާ އަޅައިގެން ކުޅެވޭނެ ގޮތް ވުމަކީ ލިބުނު ކާމިޔާބީއެއް ކަމަށް މޮރޮކޯގެ މީޑިޔާތަކުން ދަނީ ސިފަ ކުރަމުންނެވެ.

ގްރޫޕް ސްޓޭޖުގައި މޮރޮކޯ ހިމެނެނީ ވަރުގަދަ ޖަރުމަނާއި ކޮލަމްބިއާ އަދި ދެކުނު ކޮރެޔާއާއެކު ގްރޫޕް "އެޗް" ގައެވެ.

މުބާރާތް ކުރިޔަށްދާނީ އޮސްޓްރޭލިޔާ އާއި ނިއުޒީލެންޑުގައި މިމަހުގެ 20 އިން އަންނަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.