ށ. ނަރުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް އިއްޔެގައި އެ ސައިޓަށް ގެންގޮސްފައިވާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

މީގެ އިތުރުން އެމްޓީސީސީއިން ބުނީ އައު ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތުގެ 40 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 51,212 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 4,120 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 371 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 205 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. އަދި 210 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 955 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

މި މަޝްރޫޢަކީ 41.34 މިލިއަން ރުފިޔާއަށް އެމްޓީސީސީން ކުރިޔައް ގެންދާ މަޝްރޫއުއެކެވެ.