ބެއިޖިން (އޭޕީ): ދުނިޔޭގެ އެންމެ ބޮޑު ދެ އިގްތިސާދުގެ ގުޅުން ހަމައަކަށް އެޅުވުމަށް ރައީސް ޖޯ ބައިޑަންގެ ވެރިކަމުގައި "ވަރަށް ބޮޑު އަހްމިއްޔަތެއް ދެއްވާ" ކަމަށް އެމެރިކާގެ މޫސުމާ ބެހޭ މަންދޫބު ޖޯން ކެރީ އަންގާރަ ދުވަހު ވިދާޅުވި އެވެ.
ޖޯން ކެރީ މިމޭރުމުން ވާހަކަފުޅު ދެއްކެވީ ތިމާވެށީގެ މައްސަލަތަކާ ގުޅޭ ގޮތުން ޗައިނާއާ މަޝްވަރާ ކުރެއްވުމަށް އެގައުމަށް ކުރައްވަމުން ގެންދާ ދަތުރުފުޅުގެ ދެވަނަ ދުވަހުގެ މަޝްވަރާތަކަށްފަހުއެވެ.
ބެއިޖިންގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކުގެ ދެވަނަ ދުވަހު ކެރީ ވަނީ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ ޚާރިޖީ ގުޅުންތަކުގެ ވެރިޔާ ވަންގް ޔީއާ ބައްދަލުކުރައްވައި، ރައީސް ބައިޑަން އުންމީދު ކުރައްވާ ގޮތުގައި ދެ ގައުމުން "ދުނިޔެއަށް ބޮޑު ތަފާތެއް ގެނެވޭނެ މަސައްކަތްތައް އެކުގައި ހާސިލް ކުރެވޭނެ" ކަމަށް ވިދާޅުވެފަ އެވެ.
މަޝްވަރާތަކަށްފަހު ވަންގް ވިދާޅުވީ މުވާސަލާތީ ގޮތުން ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށާއި ނަމަވެސް ޗައިނާއިން ގަބޫލުކުރާ ގޮތުގައި އާ މަޝްވަރާތަކުގެ ތެރެއިން "ކޮންމެ މައްސަލައަކަށް ވެސް ރަނގަޅު ހައްލެއް ހޯދިދާނެ" ކަމަށެވެ.
"ބައެއް ފަހަރު ކުދި މައްސަލަތައް ބޮޑެތި މައްސަލަތަކަށް ވެދާނެ" އެމެރިކާގެ ބައެއް ސިޔާސަތުތަކަށް ނުސީދާކޮށް އަމާޒުކޮށް ވަންގް ވިދާޅުވި އެވެ.
ވަންގ އިޝާރާތް ކުރެއްވީ، ޗައިނާގެ ޚާރިޖީ ސިޔާސަތާއި، މުސްލިމް އަދި ބުޑިސްޓް މައިނޯރިޓީތަކަށް ހައްގުތައް އަރައިގަތުމާއި، ބެއިޖިން އިން އައްޔަންކުރި ހޮންކޮންގުގެ ލީޑަރުން ފެށިގެން އެގައުމުގެ ޑިފެންސް މިނިސްޓަރުގެ އޮފިޝަލުންނަށް ދަތުރުފަތުރުގެ ދަތިކުރުމުގެ ފިޔަވަޅުތަކަށެވެ.
ކެރީ ވިދާޅުވީ ބައިޑަން ހުންނެވީ ރައީސް ޝީ-ޖިންޕިންއާ މަޝްވަރާ ކުރެއްވުމަށް ތައްޔާރަށް ކަމަށާއި ދެގައުމުގެ ގުޅުން ހަރުދަނާ ކޮށްގެން ދުނިޔޭގެ ގިނަ މައްސަލަތަކަށް ހައްލު ހޯދިދާނެ ކަމަށް ބައިޑަން ގަބޫލްފުޅު ކުރައްވާ ކަމަށެވެ. އަދި މިކަމަށް ބައިޑަން ފުރިހަމައަށް އެއްބާރުލުން ދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
ކެރީ، ޗައިނާއަށް ދަތުރުފުޅު ކުރައްވަމުން ގެންދަވާއިރު މިއިން ޒަމާނަކު ދަށަށް ނުދާ މިންވަރަށް އެމެރިކާ އާއި ޗައިނާގެ ގުޅުން ވަނީ ދަށަށް ގޮސްފައެވެ. ދެގައުމުގެ ގުޅުން ގޯސްވެފައިވާ މައްސަލަތަކުގެ ތެރޭގައި ޓެރިފްތަކާއި ޓެކްނޮލޮޖީ ހޯދުމާއި އިންސާނީ ހައްގުތަކާ ގުޅޭ މައްސަލަތަކާއި ޗައިނާއިން އެގައުމުގެ ބައެއް ކަމަށް ދައުވާ ކުރާ ޓައިވާނުގެ މައްސަލަ ހިމެނެއެވެ.