މި އަންނަ ސެޕްޓެމްބަރު މަހުގައި އޮންނަ ރިޔާސީ އިންތިހާބުގައި، ރީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އޮންލައިންކޮށް ރީ ރަޖިސްޓްރީ ކުރެވޭނީ ރާއްޖޭގައި ތިބި މީހުންނަށް އެކަނިކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ފުއާދު މިއަދު ވިދާޅުވީ، ރާއްޖެއިން ބޭރުގައި ތިބި މީހުންނަށް އެފުރުސަތު ހަމަޖައްސާ ނުދެވުމުން އެކަމަށް މާފް އަށް އެދޭކަމަށެވެ. އަދި "ކޮލަމްބޯ، ޓްރިވެންޑްރަން، ލަންޑަން، ކުއަލަލަންޕޫރު، ފަދަ ތަނެއްގައި ހުންނެވިނަމަ، އެތަނެއްގައި ހުންނަ ހައިކޮމިޝަނަށް، ރީ ރެޖިސްޓްރޭޝަން ފޯމު ހުށަހެޅުއްވުން އެދެން،" ކަމަށްވެސް ފުއާދު ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އަލުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލާފައި ވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.

ރީ ރަޖިސްޓްރީއަށް ހުޅުވާލައިފައިވަނީ ދެ ގޮތަކަށެވެ. އެއީ އޮންލައިންކޮށް ރަޖިސްޓްރީ ކުރުމުގެ އިތުރުން އާއްމުކޮށް ކުރިއަށްގެންދާ، ފޯމު ހުށަހަޅައިގެން ރަޖެސްޓްރީ ކުރުމެވެ. މިއީ ރިޔާސީ އިންތިހާބެއްގައި އޮންލައިންކޮށް ރީ-ރަޖިސްޓްރޭޝަނަށް ހުޅުވައިލި ފުރަތަމަ ފަހަރެވެ.

ރީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ، އަންނަ އޮގަސްޓް މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް 21 ދުވަހުގެ މުއްދަތަކަށެވެ.

އީސީން ބުނީ، ރިޔާސީ އިންތިހާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަނުގެ މައުލޫމާތު އީސީގެ ވެބްސައިޓް އަދި (VR space ID.No) ވީއާރް ޖެއްސެވުމަށްފަހު ސްޕޭސް ދިނުމަށްފަހު އައިޑީކާޑު ނަންބަރު ޖައްސަވާފައި 1414 އަށް އަށް އެސްއެމްއެސް ކޮށްގެން ޗެކު ކުރެވޭނެ ކަމަށެވެ.