ކުރީގެ ޓްރާސްޕޯޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް، ޑޮކްޓަރޭޓް ޑިގްރީ ހާސިލު ކުރައްވައިފިއެވެ. އަމީން ޑޮކްޓަރ އޮފް ބިޒިނަސް އެޑްމިނިސްޓްރޭޝަން ހާސިލު ކުރައްވާފައި ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ވޭލްސް ޓްރިނިޓީ އެންޑް ސެއިންޓް ޑޭވިޑް (ޔޫޑަބްލިޔުޓީއެސްޑީ) އިންނެވެ.

ދިވެހި އަދަބިއްޔާތުގައިވެސް ފާހަގަ ކުރެވޭ ޑރ. އަމީނަށް ޑޮކްޓަރޭޓް ސެޓްފިކެޓް ލިބިވަޑައިގެންނެވީ އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ. ޑރ އަމީން ރާއްޖޭގެ ރިޒޯޓުތަކުން މައުލޫމާތު އެއްކުރައްވައިގެނެ ހެއްދެވި ރިސާޗް ބިނާވެފައި ވަނީ ފައިދާ ހުރިގޮތުގައި ރާއްޖޭގެ ރިސޯޓުތައް ހިންގުމަށާއި އެތަންތަނުގެ މުވައްޒަފުންގެ އިންޓަރޕްރިނިއާޝިޕް ހުނަރު ތަރައްގީ ކުރުމަށް އެންމެ އެކަށީގެންވާ ލީޑަރޝިޕް ސްޓައިލަކީ ކޮބައިތޯ ހޯދުމުގެ މައްޗަށެވެ.

މެލޭޝިޔާގެ އިސްލާމިކް ޔުނިވާސިޓީން މެނޭޖްމަންޓް ރޮނގުން މާސްޓާސް އަދި އޮސްޓްރޭލިއާ އިން ވެސް ވަނީ މެނޭޖްމަންޓް ދާއިރާއިން ޑރ އަމީން ވަނީ ތައުލީމު ހާސިލު ކުރައްވާފައެވެ.

ސިޔާސީ ދާއިރާގެ ބޭފުޅުންނާއި ތަޢުލީމީ ދާއިރާގެ ބޭފުޅުންނާއި އެހެނިހެން ދާއިރާތަކުން ފާހަގަކޮށްލެވޭ ބޭފުޅުން ވެސް ދަނީ ޑޮކްޓަރޭޓް ޑިގްރީ ހާސިލު ކުރެއްވުމާ ގުޅިގެން ޑރ އަމީނަށް މަރުހަބާ ކިޔުމާއެކު ސޯޝަލް މީޑިޔާގައި ވެސް ޝުއޫރު ފާޅުކުރަމުންނެވެ.

ޑރ އަމީން ވަނީ ގާސިމް އިބްރާހީމްގެ ކެމްޕޭން ޕްލޭންކުރައްވައި، ބައެއް އަތޮޅުތަކަށް ވަޑައިގެން ޖޭޕީގެ ރިޔާސީ ކެންޑިޑޭޓްގެ ކެމްޕެއިން ހިންގަވާފައެވެ. ގްރެޖްއޭޝަންގައި ބައިވެރިވެވަޑައިގަތުމަށް ދެތީން ހަތަރު ދުވަހަށް އިނގިރޭސިވިލާތަށް ވަޑައިގަތުމުން ޖޭޕީން ވަކިވެ ޑރ އަމީން އެމްޑީޕީއާ ގުޅެން އުޅޭ ކަަމަށް ބައެއް ފަރާތްތަކުން ފެތުރި ވާހަކަތައް ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސާލިހް ވަނީ ދޮގު ކުރައްވާފައެވެ. އަލީސާލިހު ވިދާޅުވެފައި ވަނީ ގްރެޖްއޭޝަނަށް ފަހު އެނބުރި މާލެ ވަޑައިގެން ގާސިމްގެ ކެމްޕެއިން މެނޭޖަރުގެ ހައިސިއްޔަތުން ޑރ އަމީން ކެމްޕޭންޓީމާ ގުޅިވަޑައިގަންނަވާނެ ކަމަށެވެ.