ހުޅުމާލޭގައި މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕުގައި އެންމެފަހުގެ ޗެމްޕިއަން ފެނަކަ މޮޅުވިޔަނުދީ އޭވިއޭޝަން ކޮމާންޑުން 2-2 އިން ރޭ އެއްވަރު ކޮށްފިއެވެ.
އޭވިއޭޝަން ކޮމާންޑް ކޮޅަށް ފެނަކައިގެ ދެލަނޑު ކާމިޔާބު ކޮށްދިނީ ދާދިފަހުން ތުލުސްދޫގައި ބޭއްވި އެސްޓީއޯ މިޔަޓް ފުޓްސަލް ޗެލެންޖުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޒައިން ޒަފަރާއި ހުސައިން ނާޝިދެވެ. އޭވިއޭޝަނުގެ ދެލަނޑު ކާމިޔާބު ކޮށްދިނީ އަލީ މިސާގް އީސާ އާއި ތައުމީން ނޫހެވެ.
މިގްރޫޕުގައި (ގްރޫޕް ޖީ) ހިމެނޭ އަނެއް ދެޓީމު ކަމުގައިވާ މީޑިޔާ ނެޓާއި ކްރޮސްރޯޑްސް މޯލްޑިވްސް ބައްދަލު ކުރި މެޗް 3-2 އިން ކާމިޔާބު ކުރީ ކްރޮސްރޯޑްސްއެވެ. ކްރޮސްރޯޑްސްގެ ތިން ލަނޑު ކާމިޔާބު ކޮށްދިނީ އިސްމާއިލް ވަހީދު، އިބްރާހިމް ޒާހީ އަދި އަލީ ޒަޔާން އަހުމަދު އެވެ. މީޑިއާނެޓަށް ލަނޑު ޖަހައިދިނީ ޝީހާން އަބްދުލް ހަމީދު އާއި އަހުމަދު ޝިނާން އެވެ.
މިމުބާރާތުގައި އިއްޔެ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، މުބާރާތަށް ވަރުގަދައަށް ތައްޔާރުވެފައިވާ ރޯޑް ރެކްރިއޭޝަން ކްލަބުން (އާރުޑީސީ) ވަނީ 2-0 އިން މޯލްޑިވްސް ކަސްޓަމްސް ސަރވިސް ބަލިކޮށްފައެވެ. އާރުޑީސީގެ ދެލަނޑު ކާމިޔާބު ކޮށްދިނީ އަބްދުﷲ ޔާމީން (ޔާން)އެވެ.
މިމުބާރާތުގައި މިއަދު ހަވީރު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ޓީމް ޑިޖޭއޭ އާއި ޓްރާންސްޕޯޓެވެ. ދެވަނަ މެޗުގައި ރައީސް އޮފީސް ނިކުންނާނީ ޓީމް ބަދަހިއާ ދެކޮޅަށެވެ. މިރޭ ކުޅޭ ފުރަތަމަ މެޗުގައި ތައުލީމީ ގުޅުމާއި އައިޖީއެމްއެޗް ބައްދަލު ކުރާއިރު ދެވަނަ މެޗުގައި ބައްދަލު ކުރާނީ ކްލަބް 220 އާއި މޫސުމާ ބެހޭ ގައުމީ އިދާރާއެވެ.