ބޮޑުވަޒީރު ޝެއިޚް ހަސީނާ މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލާއި ބަންގްލަދޭޝްގެ އިދިކޮޅު އެންމެ ބޮޑު ޕާޓީ ބީއެންޕީ (ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ) އާއި ކުދިކުދި އެހެން ޕާޓީތައް ގުޅިގެން ވަރުގަދަ މުޒާހަރާތަކެއް ވެރިރަށް ޑާކާގައި ފަށައިފިއެވެ.

ކުރީގެ ބޮޑުވަޒީރު އަދި ޝެއިޚް ހަސީނާގެ ޒަމާންވީ ވާދަވެރިޔާ ޚާލިދާ ޒިޔާ ލީޑް ކުރައްވާ ބީއެންޕީއިން ޑިމާންޑް ކުރަމުން ދަނީ ކުރިއަށް އޮތް އަހަރުގެ ޖެނުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިހާބުގެ ކުރިން ޝެއިޚް ހަސީނާ މަގާމުން އިސްތިއުފާ ދެއްވައި ޕާލަމެންޓް ތެރެއިން ގައުމަށް ވަގުތީ ވެރިއެއް އައްޔަން ކުރުމަށެވެ.

އަލްޖަޒީރާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި މުޒާހަރާގެ ބައިވެރިން ހުއްޓުވުމަށް ސަލާމަތީ ބާރުތަކުން ބަޑި ޖެހުމުގެ ސަބަބުން އެކަކު މަރުވެ 16 މީހުން ވަނީ ޒަޚަމް ވެފައެވެ. އެކަމަކު ބަންގްލަދޭޝް ސަރުކާރުން މިކަން މިހާތަނަށް ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ބީއެންޕީގެ ސެކްރެޓަރީ ޖެނެރަލް މިރްޒާ ފަޚުރުލް އިސްލާމް އަލަމްގީރު މީޑިޔާތަކަށް ވިދާޅުވީ ބަންގްލަދޭޝްގައި ޑިމޮކްރަސީ އަލުން ގާއިމް ކުރުމަށްޓަކައި ޝެއިޚް ހަސީނާ ވަގުތުން ވެރިކަމުން ވަކިވެ، މަޖިލިސް އުވާލައި ވަގުތީ ސަރުކާރަކާ ގައުމު ހަވާލު ކުރަންޖެހެއެވެ.

މިމުޒާހަރާތަކަށް ދިހަ ހާހެއްހައި މީހުން މަގުތަކަށް ނިކުމެފައިވާނެ ކަމަށް މުޒާހަރާ ކަވަރ ކުރަމުން އަންނަ އަލްޖަޒީރާގެ ރިޕޯޓަރު ޓަންވީރު ޗައުދަރީ ބުނެއެވެ.

“މި ހިނގާލުމުގައި ބައިވެރިވި ގިނަ މީހުންނަކީ ކޮންމެހެން ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ބައެއް ނޫން. އެއީ ކެބް ޑްރައިވަރުންނާއި ޓްރަކް ޑްރައިވަރުނާއި އިގްތިސާދީ ދަތިކަމުގެ ސަބަބުން ސަރުކާރާ މެދު ކަންބޮޑުވާ ކަމަށް ބުނާ ރިކްޝާ ދަމާ މީހުންވެސް އަލްޖަޒީރާގެ ރިޕޯޓަރު ތަންވީރު މުޒާހަރާގެ ބައިވެރިން ސިފަ ކޮށްދެމުން ބުންޏެވެ.