ރައީސް އަބްދުﷲ ޔާމީނަށް އިންސާފު ނުލިބި 400 ދުވަހު ޖަލުގައި ހުންނެވުމަކީ ޢަދުލުގެ ނިޒާމުގެ މިނިވަންކަމާމެދު ސުވާލު އުފެދޭކަމެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ޖަލުގައި ހުންނަވާތާ 400 އަށް ވުރެ ގިނަދުވަސް ވުމާގުޅިގެން ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްތިއުނާފުގެ ޙުކުމް ލަސްވެ 400 ދުވަސް ވަންދެން ޢާއިލާއާ ވެސް ބައްދަލުނުވެ ޖަލުގައި ހުންނެވުމަކީ ޢަދުލުގެ ނިޒާމުގެ މިނިވަންކަމާމެދު ސުވާލު އުފެދުމުގެ ޖާގަ އޮތް ކަމެއް ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރިއަށްގެންދާ ޝަރީއަތްތަކަށް ސަރުކާރުން ނުފޫޒު ފޯރުވާކަމަށާއި، އެމަނިކުފާނަށް ޤާނޫނުން ކަށަވަރުކޮށްދޭ ހައްގުތަކަށްވެސް ހުރަސް އަޅަމުން އަންނަކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

އެގޮތުން ޔާމީނު ޖަލުގައި ޣައިރު ޤާނޫނީ ގޮތެއްގައި ބަންދުކޮށްފައި ހުންނަވާތާ މިހާރު 400 އަށްވުރެ ގިނަ ދުވަސްވެއްޖެ ކަމަށާއި އެމަނިކުފާނުގެ ޕާޓީ އޮތީ ރަހީނުކޮށްފައި ކަމަށްވެސް އިދިކޮޅުން ތުހުމަތުކުރެއެވެ.