އިސްތިއުފާ ދީފިނަމަ މިހާރު މިވާވަރުވެސް ނުވާނެކަމަށް ވިދާޅުވެ ރީރަޖިސްޓްރޭޝަން މައްސަލައިގައި ފާޑުކިޔައި އިސްތިއުފާއަށް ގޮވާލަމުންދާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ރައްދު ޖަވާބެއް ދެއްވައިފިއެވެ. ފުއާދު މިހެން ވިދާޅުވީ މީހަކު ކޮށްފައިވާ ޓުވީޓަކަށް ޖަވާބުދެއްވަމުންނެވެ.
މި އަންނަ ސެޕްޓެމްބަރު މަހުގައި އޮންނަ ރިޔާސީ އިންތިހާބުގައި، ރީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އޮންލައިންކޮށް ރީ ރަޖިސްޓްރީ ކުރެވޭނީ ރާއްޖޭގައި ތިބި މީހުންނަށް އެކަނިކަމަށާއި ރާއްޖެއިން ބޭރުގައި ތިބި މީހުންނަށް އެފުރުސަތު ހަމަޖައްސާ ނުދެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރުމާއެކު މީހުންގެ ކަންބޮޑުވުން ފާޅުކޮށް ފާޑުކިޔާ ފުއާދަށް އަންނަނީ އަމާޒުވަމުންނެވެ.
ރިޔާސީ އިންތިހާބެއްގައި އޮންލައިންކޮށް ރީ-ރަޖިސްޓްރޭޝަނަށް ހުޅުވައިލި ފުރަތަމަ ފަހަރުކަމަށްވެފައި، ރާއްޖެއިން ބޭރުގައި ތިބި ދިވެހީންނަށް އޮންލައިންކޮށް ރީ ރަޖިސްޓްރީ ކުރެވޭނެ ގޮތެއް މި ފަހަރު ހަމަޖެހިފައި ނެތް ކަމަށްވާތީ އެކަމަށް މާފަށް އެދޭ ކަމަށާއި ބޭރުގައި ތިބި ދިވެހީން ރީ-ރަޖިސްޓްރީ ކުރަން އެ ގައުމެެއްގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ހުށައެޅުމަށް ފުއާދު ވަނީ އެދިވަޑައިގެންފައެވެ. މިކަމާ ގުޅިގެން ރާއްޖެއިން ބޭރުގައި ތިބި ބައެއް ދިވެހީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ބައެއް ދިވެހީން ވަނީ ފުއާދަށް ސުވާލު އަމާޒު ކުރުމާއެކު ޓުވިޓާގައި ވެސް އޮންލައިންކޮށް ރީ- ރަޖިސްޓްރީވުމުގެ ފުރުސަތު ދިނުމަށް އެދިފައެވެ.
ފުއާދު އެހެން ވިދާޅުވުމުން ބައެއް މީހުން ބުނެފައި ވަނީ މާފަށް އެދުމުގެ އިތުރުން މަގާމުން އިސްތިއުފާ ދެއްވުމަށްވެސް ގޮވާލާފައެވެ. އިސްތިއުފާއަށް ގޮވާލައި ކޮށްފައިވާ ޓުވީޓަކާ ގުޅިގެން ފުއާދު ޓުވިޓާގައި ވިދާޅުވީ އިސްތިއުފާ ދެއްވައިފިނަމަ މިހާރު ވާ ވަރުވެސް ނުވާނެ ކަމަށެވެ.
"(އަޅުގަނޑު އިސްްތިއުފާ ދީފިނަމަ) އޭރުން މިހާރު ވާވަރު ވެސް ނުވާނެ އިނގޭތޯ،" ފުއާދު ޓުވިޓާގައި ވިދާޅުވެގައިވެއެވެ.
އަދިވެސް އިތުރަށް ބައެއް ޓުވީޓުތަކަށް ފުއާދު ވަނީ ޖަވާބުދެއްވާފައެވެ. އެގޮތުން ތީ ކުރަން އެހާ އުނދަގޫކަމެއްނޫންކަމަށާއި ރާއްޖެއިންބޭރުގައި ތިބި ދިވެހި ރައްޔިތުން ދިގު ދަތުރެއްކޮށް ޑިޕްލޮމެޓިކް މިޝަންއަށް ދާން ނުޖައްސައި އޮންލައިންކޮށް ރީރަޖިސްޓާ ކުރެވޭނެ ގޮތް ހެދޭނެކަމަށާއި ރޮކެޓްސައިންސް ނޫންކަމަށް ބުނެފައިވާ ފަރާތަކަށް، އެފަރާތުން ދެއްކި ވާހަކަ ގަބޫލުކުރައްވާކަމަށާއި އެހެންނަމަވެސް މިވަގުތު އެހެން އެކަން ކުރެވެން ނެތްކަމަށްވެސް ޖަވާބުގައި ޓުވީޓަކުން ފުއާދުވަނީ ވިދާޅުވެފައެވެ. އަދި އެހެން ފަރާތަކުން އޯޓީޕީއެއް މެއިލްއަށް ދާގޮތް ހެދުމަށާއި އީމެއިލް ނުވަތަ މޮބައިލްފޯނަށް އީފާސް މެދުވެެރިކޮށް ޗެކްކޮށްގެން އޯޓީޕީ ފޮނުވައި ރީރަޖިސްޓްރޭޝަން ކުރުމަށް ގޮވާލި ފަރާތަކަށްވެސް ފުއާދު ދެއްވާފައިވަނީ "އަޅުގަނޑު ގަބޫލުކުރަން ތިކަން، އެކަމަކު މިވަގުތު ތިހެން ހެދޭކަށް ނެތް،" ތަކުރާރުކޮށް އެއްޖަވާބެކެވެ.
ފޯމު ހުށައަޅަން ޖެހޭ ތަންތަން:
- އިންޑިއާ - ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސުލޭޓު ޖެނެރަލް
- އިންޑިއާ - ދިއްލީގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަން
- ސްރީލަންކާ - ކޮލަންބޯގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަން
- މެލޭޝިއާ - ކުއަލަލަމްޕޫރުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަން
- ޔޫކޭ - ލަންޑަންގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަން
- ސިންގަޕޫރުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަން
- ތައިލޭންޑް ގައި ހުންނަ ރާއްޖޭގެ އެމްބަސީ
- ޖަޕާން - ޓޯކިއޯގައި ހުންނަ ރާއްޖޭގެ އެމްބަސީ
- އަބޫދާބީ - އެކުވެރި އަރަބި ޢިމާރާތުގައި ހުންނަ ރާއްޖޭގެ އެމްބަސީ
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އަލުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލާފައި ވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. ރީ ރަޖިސްޓްރީއަށް ހުޅުވާލައިފައިވަނީ ދެ ގޮތަކަށެވެ. އެއީ އޮންލައިންކޮށް ރަޖިސްޓްރީ ކުރުމުގެ އިތުރުން އާއްމުކޮށް ކުރިއަށްގެންދާ، ފޯމު ހުށަހަޅައިގެން ރަޖެސްޓްރީ ކުރުމެވެ. އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ރީ-ރެޖިސްޓްރޭޝަންގެ ފުރުސަތު ހުޅުވާލާފައި ވާއިރު މި މުއްދަތުގެ ތެރޭގައި ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިން ވެސް ރީ-ރަޖިސްޓްރީ ވާން ޖެހެއެވެ.
ގައުމުތަކުގައި ރީ-ރަޖިސްޓްރީ ކުރަން ފޯމު ހުށަހަޅަން ޖެހެނީ އެ ގައުމުތަކުގައި ހުންނަ ދިވެހި ހައިކޮމިޝަނަށެވެ. އޮންލައިންކޮށް ރީ-ރަޖިސްޓްރީ ކުރާނީ ކޮމިޝަނުގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށެވެ. ރާއްޖެއިން ބޭރުގައި ތިބި ފަރާތްތަކަށް އޮންލައިންކޮށް ފޯމު ހުށައެއް ނޭޅޭނެ އެވެ.