މި އަންނަ ސެޕްޓެންބަރު މަހުގައި އޮންނަ ރިޔާސީ އިންތިހާބުގައި ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވޯޓު ލާނެ ގޮތް ހަމަޖެއްސުމާ ގުޅޭ ގޮތުން ޖަވާބު ނުދޭ ތޭވީސް ރިސޯޓަކަށް އެ އިންތިޒާމު ހަމަޖައްސަން އިތުރު ފުރުސަތު ދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
އިލެކްޝަން ކޮމިޝަންއިން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސީއިން ބުނީ މުޅި ޖުމްލަ 78 ފޮށި ރިސޯޓުތަކުގައި ބަހައްޓަން ނިންމަވާއިފާކަމަށެވެ. ނަމަވެސް އޭގެން ބާވީސް ރިސޯޓަކުން ވޯޓު ފޮށި ބެހެއްޓުމާއި، މުވައްޒަފުންނަށް ވޯޓު ލުމުގެ އިންތިޒާމު ހަމަޖައްސާނެކަމުގެ މައުލޫމާތުވެސް އީސީއަށް އިންގާފައި ނުވާކަމަށް އީސީއިން ބުނެއެވެ.
އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ރޭގައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ދިވެހިންނަށް، އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން މި އާ އެއްގޮތަށް، ވޯޓުލުމުގެ ޙައްޤުލިބިގެންވާ ތޮ ފަރާތަކުން ރީ-ރަޖިސްޓްރޭޝަން ފޯމު 2023 ޖުލައި 17 އިން ފެށިގެން، ޖުލައި 31 ގެ ނިޔަލަށް ކޮމިޝަނަށް ހުށަހަޅައިފިނަމަ، މިހާތަނަށް ވޯޓުފޮށްޓެއް ބެހެއްޓުމަށް ބޭނުންވެގެން އެދިފައިނެތް ތޭވީސް ރިސޯޓުގައި ވޯޓުފޮށި ބެހެއްޓުމުގެ ފުރުޞަތު ދޭން ކޮމިޝަނުން އިއްޔެގައި ނިންމެވިކަމަށެވެ.
ރިޔާސީ އިންތިޚާބަށް 60 ދުވަހަށް ވެފައި ވާއިރު، މާލެ އާއި މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ މީހުންނަށް 138 ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައިވާއިރު، ހުޅުމާލޭގައި 39 ފޮށި އަދި ވިލިމާލޭގައި ދިހަ ފޮށި ހުންނާނެ ކަމަށް އީސީން މައުލޫމާތު ދެއެވެ.
މީގެ އިތުރުން ސިޓީތަކާއި އަތޮޅުތެރޭގެ އެކި ހިސާބުތަކުގައި 319 ފޮށި ބަހައްޓަން ނިންމާފައިވާއިރު ރާއްޖެއިން ބޭރުގައި ތޭރަ ވޯޓު ފޮށި ބަހައްޓާނެ ކަމަށް ވެސް އީސީން ބުނެއެވެ. އަދި، ސިނާއީ މަސައްކަތް ކުރާ ތަންތަނުގައި ދެ ފޮށްޓާއި ޖަލުތަކުގައި ފަސް ވޯޓު ފޮށި ބަހައްޓަން ވަނީ ނިންމާފައެވެ.