ހއ. މޮޅަދޫގެ ގިރާ ސަރަހައްދު ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ހިމާޔަތްކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ހއ. މޮޅަދޫގައި މިއަދު ބޭއްވި ރައީސް ސާލިހުގެ ރިޔާސީ ކެމްޕޭން "އުފާވެރި އަމާން ރާއްޖެ" ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. މޮޅަދުއަށް 2018 ވަނައަހަރު ވަޑައިގެން ރިޔާސީ އިންތިހާބުގައި މޮޅަދުއަށް ވަޑައިގެން ތަރައްގީގެ ސަފުން މޮޅަދޫ ބާކީނުވާނެކަމުގެ ޔަގީންކަން އެ ރަށު ރައްޔިތުންނަށް ދެއްވި ކަމަށެވެ. އަދި މިހާރު އެމަނިކުފާނުގެ ސަރުކާރުން ރޭވުންތެރިކަމާއެކު މޮޅަދޫގައި ތަރައްގީގެ ބައެއް މަޝްރޫއުތައް ނިމިފައިވާ އިރު، އަނެއްބައި މަޝްރޫއުތައް ނިމެން ކައިރިވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ކައުންސިލުން މޮޅަދޫގެ ގިރާ ސަރަހައްދުގެ ވާހަކަ ފާހަގަ ކުރައްވާފައިވާ ކަމަށާއި އެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވިއެެވެ. އަދި މޮޅަދުއަށް ރަށްގިރުމުގެ މައްސަލަ ދިމާވަނީ ބަނދަރު ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ ސަބަބުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ބަނދަރު ހެދުމާއެކުގައި ރަށަށް އަންނާނެ ކޮންމެވެސް ބަދަލުތަކެއް، އެހެން ގޮތަކަށް އަޅުގަނޑުމެން ބަދަލުކޮށްލީމާ އަންނަ ބަދަލު އަންނާނެ. އެގޮތުން މި ރަށުގައި ވެސް ކޮންމެވެސް ދިމާއެއް ގިރަން ފަށާފަ މިހާރު އޮންނާނީ. އެ ވާހަކަ ކަންނޭނގެ ދެންމެ ކައުންސިލް ރައީސް އެ ވިދާޅުވީ. އިރާދަކުރެއްވިއްޔާ މި ރަށުގެ ބަނދަރަށް އިތުރުކުރަންޖެހޭ ބަޔާއެކުގައި މި ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދައުރުގައި އަޅުގަނޑުމެން ކޮށްދޭނެ ވާހަކަ ދަންނަވަން،" ރައީސް ވިދާޅުވިއެވެ.
މޮޅަދުއަށް ބޭނުންވާ ސްކޫލުގެ އާ އިމާރަތް މިހާރު ނިމިފައިވާ ކަމަށާއި އެ ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ އިރު، ކުނި މެނޭޖުކުރުމުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ވަރަށް އަަވަހަށް ޓެންޑަރަށް ލާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި މޮޅަދޫ ރައްޔިތުން ކަންބޮޑުވުން ފާޅުކުރި އަގުބޮޑު ދަތުރުފަތުރުގެ ނިޒާމު، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) އާއެކު އަގުހެޔޮ ވެފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.