ރޭ ސީ އެމްބިލެންސަކާއި ލޯންޗެއް ޖެހުނު ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން އެކެއްގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދެމުންދާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

ރޭގެ ދަންވަރުގެ ހިނގި އެކްސިޑެންޓް އައީ މ. މުލިން ފުރައިގެން މާލެ ދަތުރުކުރި ސީއެމްބުއުލާންސް ލޯންޗަކާއި މާލެއިން ފުރައިގެން ދަތުރުކުރި ލޯންޗެއް ޖެހިގެނެވެ. މާލެއިން ދަތުރު ކުރި ލޯންޗަކީ މާލެ އާއި ފ. ފީއައްޔާ ދެމެދު ދަތުރުކުރާ "ޑްރީމް" ލޯންޗެވެ. އެ އެކްސިޑެންޓް ހިނގައިފައި ވަނީ އިތާފުށި ރިސޯޓް ކައިރިންނެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކާ ހަވާލާދީ "ސަން"އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އަނިޔާވި ތިން މީހުންގެ ތެރެއިން 43 އަހަރުގެ ފިރިހެނަކަށް އެ ހޮސްޕިޓަލުގެ އައިސީޔޫގައި އަންނަނީ ފަރުވާދެމުންނެވެ.

ދެން އަނިޔާވި ދެ މީހުންނަށް އިމަޖެންސީ ރޫމްގައި ފަރުވާ ދީފައިވާއިރު އެ މީހުންގެ ހާލު ސީރިއަސްއެއް ނޫން ކަމަށް އައިޖީއެމްއެޗްއާ ހަވާލާދީ ސަން އިން ރިޕޯޓު ކޮށްފައިވެއެވެ.

މި ޙާދިސާ ހިނގީ ރޭ 1:25 ހާއިރު ކަމަށްވާއިރު، މި ހާދިސާގައި ދެ ލޯންޗަށް ވެސް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.