އިނގިރޭސި ޕްރިމިއަރ ލީގް 5 ފަހަރު ކާމިޔާބު ކޮށްފައިވާ މެންޗެސްޓަރ ސިޓީގެ ތަޖުރިބާކާރު ވިިންގަރ ރިޔާދް މަހްރޭޒް އެކްލަބް ދޫކޮށް ސައުދީ އަރަބިއްޔާގެ އަލް އަހްލީއަށް ރޭ ބަދަލުވެއްޖެއެވެ.

މެންޗެސްޓަރ ސިޓީއިން މަހްރޭޒް، އަހްލީއަށް ވިއްކާލީ 35 މިލިޔަން ޔޯރޯއަށެވެ. އަހްލީއަށް ބަދަލުވުމަށް މަހްރޭޒް ނިންމީ ސިޓީއާއެކު ހަދާފައިވާ ކޮންޓްރެކްޓުގައި ބާކީ 2 އަހަރު އޮއްވައެވެ. އަދި އާސީޒަނަށް ތައްޔާރުވުމަށް ސިޓީއިން މިހާރު ޖަޕާނަށާއި ދެކުނު ކޮރެއާއަށް ކުރަމުން އަންނަ ދަތުރުގައި މަހްރޭޒް ބައިވެެރިއެއް ނުވާނެއެވެ.

ލެސްޓަރ ސިޓީއަށް ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ހޯދައި ދިނުމަށް 2016-2017 ސީޒަނުގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން ސިޓީއިން އޭނާގެ ސޮއި ހޯދީ 2018 ވަނަ އަހަރު 60 މިލިޔަން ޕައުންޑް ޚަރަދު ކޮށްގެންނެވެ. މިދިޔަ ސީޒަނުގައި 3 ތަށި ކާމިޔާބުކޮށް، މެންޗެސްޓަރ ޔުނައިޓެޑުން 1999 ވަނަ އަހަރު ހަދާފައިވާ ރެކޯޑާއި އެއްވަރު ކުރިއިރު، މަހްރޭޒް ވަނީ 47 މެޗުގައި ކުޅެ 15 ލަނޑު ސިޓީއަށް ކާމިޔާބު ކޮށްދީފައެވެ.

ސައުދީ ލީގުން ގެންދަނީ އެލީގް ވަރުގަދަ ކުރުމަށް ދުނިޔޭގެ މަޝްހޫރު އެތައް ތަރިންނެއް އެލީގަށް ގެންދަމުންނެވެ. މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ސައުދީ ލީގަށް ބަދަލުވެފައިވާ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމުގައި ހުރި ފްރާންސްގެ ކަރީމް ބެންޒީމާ އާއި ޗެލްސީއަށް ކުޅުނު ފްރާންސްގެ ތަޖުރިބާކާރު މިޑްފީލްޑަރު އެންގްލޯ ކަންޓޭ ފާހަގަ ކޮށްލެވެއެވެ.