ރިޔާސީ އިންތިހާބުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް ވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މި ފުރުސަތު ހުޅުވާލީ މިމަހުގެ 19 އިން ފެށިގެން އަންނަ އޯގަސްޓު 13، ވަނަ ދުވަހުގެ ނިޔަލަށެވެ.

އޮބްޒާވަރުންނާއި މޮނިޓަރުންނަށްވުމުގެ ޝަރުތުތަކުގެ ތެރޭގައި:

  • އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކަށްވުން
  • ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރަމުންދާ މީހެއް ކަމުގައި ނުވުން

އޮބްޒާވަރުންނާއި މޮނީޓަރުން ހޮވުމުގައި ބަލާ އިތުރު ޝަރުތުތަކަކީ؛

  • ސިޔާސީ ޕާޓީއެއްގެ ރަޖިސްޓީއެއްގައި ހިމެނޭ މީހަކަށް ނުވުން،
  • އިންތިހާބާ ބެހޭ މަސައްކަތެއް ކުރުމަށް އީސީގެ ފަރާތުން ހަވާލުވެގެން ހުރި މީހަކަށް ނުވުން،
  • އީސީން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑު ކިޔައި, އަމަލުކުރަން އިގުރާރުވާ މީހަކަށް ވުން
  • އަދި ވޭތުވެދިޔަ ފަސް އަހަރު ތެރޭ, ސުލޫކީ މިންގަނޑާ ހިލާފުވެގެން ފިޔަވަޅެއް އަރައިފައިވާ މީހަކަށް ނުވުމުގެ އިތުރުން
  • ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރަމުންދާ މީހަކަށް ނުވުން

މޮނިޓަރުންނަށް ވެވެނީ މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށެވެ. އެގޮތުން ރާއްޖޭގައި މަސައްކަތްކުރާ ނޫސް އަދި މަޖައްލާތަކުގައި މަސައްކަތްކުރާ ނޫސްވެރިންގެ އިތުރުން ބައިނަލްއަގްވާމީ މީޑިއާތަކަށް ވެސް ވަނީ މި ފުރުސަތު ހުޅުވާލާފައެވެ.

އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށެވެ.

އިންތިހާބާބެހޭ މަރުކަޒު (ދަރުބާރުގޭ) ގެ ރިސެޕްޝަނުން ފޯމް ބަލައިގަތުމެގެ އިންތިޒާމް 2023 ޖުލައި 19 އިން 2023 އޮގަސްޓް 13 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ.

ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް ހަމަޖެހިފައި ވާ ކަމަށް އީސީ އިން ބުނެފައި ވެއެވެ.

މިއަހަރުގެ ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭކަމަށް އީސީ އިން ލަފާކުރަނީ ގާތްގަނޑަކަށް 285،000 މީހުންނަށެވެ. ވޯޓުލުމަށް ޖުމްލަ 604 ވޯޓުފޮށި ބަހައްޓަން އީސީން ވަނީ ނިންމާފަ އެވެ.

ހުރިހާ ފޮށިތައް ކައިރީގައި އޮފިޝަލުންނާއި, އޮބްޒާވަރުން އަދި މޮނިޓަރުން ވެސް ހަރަކާތްތެރިވާނެ އެވެ.