ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ކުރިއަށް ގެންދިޔަ ދެވަނަ ''އިންސްޕެކްޓަރ ކޯސް'' ނިންމުމުގެ ރަސްމިޔާތު ބާއްވައިފިއެވެ.

ފުލުހުން ވިދާޅުވީ ކޯސް ނިންމުމަށް އެންސީޕޯލްގެ އޮޑިޓޯރިއަމްގައި އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ކަމަށާއި މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުގެ އެގްޒެކެޓިވް ޑައިރެކްޓަރ، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުން ބައިވެރިވެލެއްވި ކަމަށެވެ.

މެއި 17 އިން ޖުލައި 19 އަށް ކުރިއަށް ގެންދިޔަ އިންސްޕެކްޓަރ ކޯހުގައި ފުލުހުންގެ ގާނޫނުނާއި ފުލުހުންނާ ގުޅުންހުރި އެހެނިހެން ގާނޫނުތައް، ޑިވެލޮޕިންގ ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ސްކިލްސް، ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް ސްޓަޑީޒް އަދި ޕޮލިސިންގ އެންޑް އިންވެސްޓިގޭޝަން ސްޓަޑީޒް ފަދަ މޮޑިއުލްތައް ކިޔަވައިދީފައިވެއެވެ.

އިންސްޕެކްޓަރ ކޯހުގައި 41 ފުލުހުން ބައިވެރިވިއެވެ. އެއީ 35 ފިރިހެން ބައިވެރިންނާއި ހަ އަންހެން ބައިވެރިންނެވެ. އިންސްޕެކްޓަރ ކޯހުން އެއްވަނަ އަށް ހޮވިފައިވަނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ޝަހީދުއެވެ.

ކޯހުން ދެވަނަ އަށް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އާމިނަތު އަލީ ހޮވިފައިވާއިރު ތިންވަނަ އަށް ހޮވިފައިވަނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޝަޒީނާ ސައީދުއެވެ.

އިންސްޕެކްޓަރ ކޯހަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޮމިޝަންޑު ރޭންކުތަކުގެ އޮފިސަރުންގެ ގިންތިއަށް ކުރިއެރުން ހޯދުމަށް ފުރިހަމަކުރަންޖެހޭ ތަމްރީނު ކޯހެކެވެ.