ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ފެނަކަ އޮފީސް އިމާރާތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހް ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

ފެނަކައިގެ މަސައްކަތްތައް ކުރުމަށް މީގެކުރިން ބޭނުންކުރަމުން ގެންދިޔައީ ތިރީސް އަހަރު ކުރިން އަޅާފައިވާ އިމާރާތެކެވެ. މި އިމާރާތުގައި އެއްފަހަރާ މަސައްކަތް ކުރެވޭނީ ހަތަރު މުވައްޒަފުންނަށެވެ. އެހެންނަމަވެސް ރައީސް ސާލިހު ހުޅުއްވައިދެއްވި ފެނަކައިގެ އާ އޮފީސް އިމާރާތުގައި އެއްފަހަރާ ތިރީސް މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެއެވެ.

ޒަމާނީ ފެންވަރަށް އަޅާފައިވާ މި އިމާރާތުގައި ފެނަކަ އައު އޮފީހުގައި ރިސެޕްޝަނަކާއި، ލޮބީ އޭރިއާ އާއި، މީޓިންގ ރޫމަކާއި، މެނޭޖަރ ރޫމާއި، ޓެކްނިކަލް ސްޓާފް ރޫމާއި، ރެސްޓް ރޫމަކާއި، ޕޭންޓްރީ އާއި، ފާހާނާ ހިމެނެއެވެ.

ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ތިލަދުންމަތީ އުތުރުބުރީގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ރައީސް ސާލިހު ވަނީ މޮޅަދޫ ބަނދަރާއި، އިންޖީނުގެ އަދި ފެނަކަ އޮފީސް އިމާރާތް، އަދި ހއ. އުލިގަމަށް ވަޑައިގެން އެރަށުގެ ފެނާއި ނަރުދަމާ ނިޒާމު އިފްތިތާޙްކޮށްދެއްވައި އެރަށުގެ އިންޖީނުގެއާ ފެނަކަ އޮފީސް އިމާރާތް ވެސް ރައީސް ސާލިހު ވަނީ ހުޅުއްވައިދެއްވާފައެވެ.